ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ވަޒީރު ޝިޔާމު ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށާއި، އެއީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއްކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ ހުރިކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ދައްކާ ޚަލާސްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވުމުން، ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން ކަމަށާއި އެހެންނަމަވެސް، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކު ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދާނެ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދާތަން ފެނިގެންދަނެ ކަމަށެވެ. ކަންކަން ހައްލުކުރައްވަން ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ އެންމެ ކުރިޔަށް ނިކުންނަވާ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލުތައް ވަޒީރު ހިއްސާކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މިފްކޯއަށް ލޯނެއް ހޯދައިގެންނަމަވެސް އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖައްސަވާ ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށްކަމަށެވެ. އަދި އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭނެ ފަދަގޮތަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.