މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

މަސްވެރިންނަށް ދޫކުރީ 422 މިލިޔަން ރުފިޔާ، ނުދެވި 270 މިލިޔަން ރުފިޔާ އެބަ އޮތް: މިނިސްޓަރު

ކްރެޑިޓަށް ދޫކުރި ތެލާއި ގަނޑުފެނަށް މަސްވެރިން ދައްކަން ޖެހޭ ފައިސާ ހިމަނައިގެން، މިފްކޯއިން މަސްވެެރިންނަށް ދޫކުރި، ޖުމްލަ ފައިސާ 422 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުނު ފަހުން މިހައިތަނަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް 270 މިލިޔަން ރުފިޔާ ނުދެވި އެބަ އޮތް ކަމަށެވެ.

"މިހައިތަނަށް މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާ އައިސް ހިމެނޭ ގޮތަށް 422 މިލިޔަން ރުފިޔާ މަސްވެރިންނަށް މިސަރުކާރުން ދޫކުރެވިފައި އެބަ ވޭ. އަދި މިސަރުކާރުން އަޅުގަނޑުމެން މިއަދު ގުނާ އިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން އަޅުގަނޑުމެން ފާހަގަކުރަން،" ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިންނަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދު ޝިޔާމް ވިދާޅުވިނަމަވެސް، މަސްވެރިން އަތުން ގަތް މަހަށް ދޫކުރީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު 250 ރުފިޔާ މަސްވެރިންނަށް ދޫނުކޮށް އޮތް ކަމަށާއި ބޮޑުކުރި ރޭޓުގައި އެއްވެސް މަސް ދޯންޏަކަށް ކުރީ ސަރުކާރުން ފައިސާ ދޫކޮށްފައި ނުވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކޮށް ބެލްލޮގް ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މި ސަރުކާރުގެ ވައުދާ އެއް ގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރާ މަގަށް ފައިސާ ދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!