ސަރުކާރުގެ މަސް ކުންފުނި، މިފްކޯ މެދުވެރިކޮށް މަސް ގަންނަ އަަގު 25 ރުފިޔާއިން 20 ރުފިޔާއަށް ދަށްކުރީ، މަސްވެރިން އަދި މިފްކޯ ސަލާމަތުން ބޭއްވުމަށްޓަކައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަހުގެ އަގު ކުއްލިއަކަށް ބޮޑުކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެކަމުގެ ސަބަބުން މިފްކޯއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
"17 ރުފިޔާއިން 25 ރުފިޔާއަށް އޭރު ބޮޑުކުރެވުނީ އީޔޫ އާއި އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކުޑަ ނޫނީ ޒީރޯ ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށް އޭރުގައި ވިދާޅުވި. އެހެންނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އައިސް ފޮތްތައް ހާވާ ބަލާލިއިރުގައި މާތްކަލާކޯ އަދި މިއޮތީ މިކަން ކުރެވޭ ހިސާބަކު ނޫން." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން 25 ރުފިޔާއަށް މަސް ގަންނަ ގޮތަށް ހަމަޖެއްސިނަމަވެސް އެ އަގުގައި މަސް ނުގަނެވޭނެކަން މަސްވެރިންނަށްވެސް އެނގޭ ކަމަށާއި އެއީ ދައުލަތަށްވެސް ކެތްވާވަރުގެ އަގެއް ނޫން ކަމަށެވެ.
"ފުރަތަމަ ކަމަކީ މަސްވެރިން މިއަދު މިތިބި ހާލަތު ބަދަލުކުރުމަށްޓަކައި ގެނެވުނު ބަދަލެއް. ދައުލަތަށް ކެތްވާވަރުގެ އަގެއްގައި މަސްގަންނަން ޖެހޭނެ ކަމަށް މަސްވެރިން ގަބޫލުކުރާތީ އާއެކީގައި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ނެތީތީވެ މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އަގަކަށް އަޅުގަނޑުމެން މިގެނައީ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އަމާޒަކީ މަސްވެރިންނަށް މިހާރު ދޫކުރެވި ހުރި ފައިސާ ވީހާވެސް އަވަހަކަށް ދޫކުރެވޭނެ ގޮތް ހެދުން ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އެ އަމާޒަށް ކަމަށެވެ.
One Response
Majilis inthihaabu ga vote hoadhan naanaathi 🖕
Comments are closed.