ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، ގއ. ކޮލަމާފުށީ 5 ދޯނިން 5 ފަޅުވެރިއަކު ރެސްކިއު ޑައިވާ ކޯސް ފުރިހަމަކޮށްފިއެވެ.
ރެސްކިއު ޑައިވަރުން ޕްރޮގްރާމް ފަށާފައިވަނީ ޖެނުއަރީމަހުގެ 19ވަނަ ދުވަހުއެވެ. މިހާތަނަށް، ގދ. މަޑަވެލީގެ 8 ދޯނިން 8 ފަޅުވެރިއަކު އަދި ގއ. ވިލިނގިލި 14 ދޯނިން 14 ފަޅުވެރިއަކު ރެސްކިއު ޑައިވާ ކޯސް ވަނީ ފުރިހަމަކޮށްފައެވެ.
ގއ. ކޮލަމާފުށިން ރެސްކިއުޑައިވަރ ކޯސް ފުރިހަމަކޮށްފައިވަނީ
- ސަމާޙު ރަޝީދު / ބޯދި
- އަސީލު އަޙްމަދު / ރާސްތާ
- މުޙައްމަދު ރިފާގު އަބްދުއްސަމަދު / އޮއިބާނި
- ހަމްޒަތު އަޙްމަދު / ކަޝިމަސް
- އަބްދުﷲ ރަނާން ރާޝިދު / ގުރުވަ
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތަކެވެ.
ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.