ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ސަބްސިޑީ ނުދީ ހިންގާ ކުންފުންޏަކަށް ހައްދަވާނޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ފައިސާ ދޫނުކޮށް ލަސްވާ މައްސަލައިގައި މިނިސްޓަރު ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށްފައެވެ.
މިއަދުގެ މަޖިލީހުގައި މަޖިލީހުގެ މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް މުހިންމު ސިނާއަތްތައް ކުރިއެރުވުމަށް އެ ވިޔަފާރީގައި ސަރުކާރުން ހަރަކާތްތެރިވެ ސަބްސިޑީ ދީ ހަދާ ކަމަށެވެ. ނަމަވެސް ސަބްސިޑީ ނުދީވެސް މިފްކޯ ހިންގޭނެ ކަމަށް ފޯމިއުލާއެއް އެބައޮތް ކަމަށެވެ.
"މަސްވެރިން އެދެނީ އެތަނުގައި (މިފްކޯ)ގައި މި ހުރި ބޮޑެތި ހަރަދުތައް ކުޑަކޮށްފައި އެމީހުން ކުރާ މަސައްކަތަށް އާމްދަނީ ލިބޭނެ ތަނަކަށް ހަދަން. އަމާޒު މި ހުރީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މިފްކޯއަކީ ސަރުކާރުން ސަބްސިޑީ ނުދީ ހިންގާ ތަނަކަށް ހެދުން. އެ ބަދަލު އަޅުގަނޑުމެން ގެންނާނަން،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ފައިދާއެއް ނުވާ ގޮތަށް މިފްކޯއަށް ބޮޑެތި މުސާރަ ދީގެން ނަގާފައިވާ މުވައްޒަފުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު، މަސްވެރިކަމާ ގުޅޭ ވައުދުތައް ދައުރުގެ ކުރީކޮޅުގައި ފުއްދާނެ ކަމަށާއި މި ސަރުކާރުން މަސްވެރިން ބިކަކޮށްނުލާނެ ކަމަށެވެ.
One Response
ސާބަހޭ ޝިޔާމު ވާނެތިކަން އިންޝާﷲ