މެރިކަލްޗަރގެ ހުނަރު ދަސްކޮށްދޭ ކޯހުގެ ފުރުތަމަ ބުރުގައި 14 ފަރާތެއް ތަމްރީންކޮށްފިއެވެ.
8 ފެބްރުއަރީ 2024 ގައި ފެށި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އަސާސީ ޓްރެއިނިންގ ކޯހުގެ ފުރަތަމަ ބުރު ނިންމުމުގެ ރަސްމިއްޔާތު މިއަދު ކ. މަނިޔަފުށި ، މެރިކަލްޗަރ ރިސާރޗް އެންޑް ޓްރޭނިންގ ފެސިލިޓީގައި ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމެވެ. އަދި މިރަސްމިއްޔާތުގައި، އެސް.އެމް.އީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ޢައިޝަތު ފިފްޝީން ޢަލީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ޕޮލިޓެކްނިކް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ، އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މިއަދު ނިމުނު މި ތަމްރީނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 14 ފަރާތަކުން ކޯސް ފުރިހަމަ ކުރައްވައި، ސެޓްފިކެޓް ހާސިލް ކުރެއްވިއެވެ. އަދި އެވުޒާރާއިން މީގެ ސިލްސިލާ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ވިޔަފާރިއެއްގެ ގޮތުގައި މެރިކަލްޗަރ ސިނާއަތުގައި ޙަރަކާތްތެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިވާކަން ފާޅު ކުރަމުން ގެންދާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން، މި ވިޔަފާރި ކުރެވޭނެ ފަހި މާޙައުލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަގު ޗާޓުގައި ހިމެނޭ ޙަރަކާތެއް ކަމުގައިވާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި މެރިކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
މިފަދަ ތަމްރީން ޕްރޮގްރާމުތަކުގައި ވީހާވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށާއި ތަމްރީން ޕްރޮގްރާމްތަކުން ފޯރުކޮށްދޭ މައުލޫމާތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމްކޮށް ތަރައްޤީކުރުމަށް ބޭނުންތެރިކަމަކަށް ހެދުމަށްޓަކައި މިކަމާއި ގުޅޭ އަސާސީ މެރިކަލްޗަރ ތަމްރީނު އަދި ވަކި ސްޕީސީސްތަކެއް ރާއްޖޭގައި އާލާކޮށް އެފެއްދުމުމުގެ ތަމްރީންތައް ސިލްސިލާކޮށް ދިނުމަށް ވަނީ އެމިނިސްޓްރީން ރާވާފައެވެ.
މެރިކަލްޗަރ އަސާސީ ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް ދިރިއުޅޭ ރަށްތަކަށް ތަމްރީނު ޓީމު ގޮސްގެން ފޯރުކޮށްދެވޭ ތަމްރީނެކެވެ. މިތަމްރީނުގެ މަޤުސަދަކީ ވީހާވެސް ގިނަބަޔަކަށް މެރިކަލްޗަރގެ އަސާސީ ތަމްރީނުދީ އާމުދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި މެރިކަލްޗަރ މަސައްކަތް ކުރުމަށް މީހުން ޝައުގުވެރިކުރުމެވެ.
ވަކި ސްޕީސީސް އާލާކުރުމުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ ތަމްރީންތައް ހިންގޭނީ މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިންގް ފެސިލިޓީގައެވެ. މިގޮތުން އާލާކުރުމަށް ދަސްކޮށްދޭ މަހުގެ ބާވަތް ތަކުތެތެރޭގައި ފާނަ، ހުއިފިލަނޑާ، މާގަނޑުމަސް، އިތާމުތް ހިމެނެއެވެ.