މި ސަރުކާރުން މިހާތަނަށް ތެލާއި އައިހުގެ ފައިސާއާއި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހިމެނޭހެން 522 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ގައުމު އޮތީ ދަރާފައި ކަމަށާއި މިފްކޯވެސް އޮތީ ވަރަށް ހާލުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިފްކޯ ރީސްޓްރަކްޗާކޮށް އެ ކުންފަކީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައިއިރުވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 250 މިލިއަން ރުފިޔާ ވާރުތަވި ކަމަށާއި ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްގެންވެސް މަސްވެރިންނަށް ފައިސާ އޮތީ ނުދެވި ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް މަސްވެރިންނަށް 522 މިލިއަން ރުފިޔާ ދޫކޮށްފިއޭ ރައީސް ޑރ. މުހައްމަދު މުއިއްޒު. އަޅުގަނޑު މި ދަންނަވަނީ މަސްވެރިންނަށް ދޫކުރެވިފައި ހުރި ތެލާއި ކްރެޑިޓަށް ދޫކުރެވިފައި ހުރި އައިހުގެ ފައިސާ ހިމެނޭ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް މިފްކޯ ރީސްޓްރަކްޗާ ކުރެވުމޔން މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
މިނިސްޓަރު ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޫނުކުރެވި ހުރިހާ ފައިސާ ދީ ހަލާސްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.