މަސްވެރިކަމާއި ގުޅޭ

GHLfxzyakAALM0e

ދެކުނުގެ 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފި

ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީނު ކުރުމަށް ފިޝަރީސް މިނިސްޓްރީން ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފި ކަމަށެވެ. އެއީ:-

  •  ގދ. މަޑަވެލި 08
  • ގއ. ކޮލަމާފުށި 05
  • ގއ. ވިލިނގިލި 14
  • ގއ. ދެއްވަދޫ 07
  • ގއ. ނިލަންދޫ 04
  • ގއ. ދާންދޫ 07
  • ސ. މަރަދޫ 11 މަސްވެރިންނެވެ.

މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!