ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރި ސްރީލަންކާ ބޯޓެއް ޖޫރިމަނާ ކޮށްފިއެވެ.
ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ހުކުމް ކޮށްފައި ވަނީ،2018 ވަނަ އަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ސަބަބުން ދައުލަތަށް ނެގި ލަންކާ މަސްބޯޓެއް ޖޫރިމަނާ ކުރުމަށެވެ.
ބޯޓާ ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައި ވަނީ ދިވެހި ސަރުކާރުންނެވެ. އެ ދައުވާގައި ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދު ޖޫރިމަނާ ކުރަން އެދޭ ކަމަށާއި، އެ އުޅަނދު ދައުލަތަށް ނަގައިދޭން އެދޭ ކަމަށެވެ.
ކޯޓުން ހުކުމް ކޮށްފައި ވަނީ ދިވެހި ސަރުކާރުން އެދުނު ގޮތަށް، އެ އުޅަނދާއި އުޅަނދުގައި ބޭނުންކުރާ ހުރިހާ އެއްޗެއް ދިވެހި ދައުލަތަށް ނެގުމަށެވެ.
ލަންކާ މަސްބޯޓު ޖޫރިމަނާ ކޮށްފައި ވަނީ ހަތަރު ލައްކަ ދިވެހި ރުފިޔާއިންނެވެ. އަދި އެ ފައިސާ ހަފްތާއެއްގެ ތެރޭގައި ދިވެހި ސަރުކާރަށް ދެއްކުމަށް ކޯޓުގެ ހުކުމްގައި ވެއެވެ.