ސެނެހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، އިންޑިއާގެ ހުރިހާ ސިފައިން މިހާރު ރާއްޖޭން ފާބައިފައިވާ ކަމަށާއި ފޭބި އިންޑިއާ ސިފައިންގެ އަދަދަކީ 76 ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުުދުފުޅު ފުރިހަމަކުރައްވާފައިވާތީ، އެކަމުގެ ތަފްސީލްތައް ދިނުމަށް ރައީސް އޮފީހުގައި ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީން ގުޅިގެން ދިން ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ފޮނުވާލާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި އިންޑިއާގެ 76 ސިފައިން ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ފޮނުވައިލީ، އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން ތިބި 26 ސިފައިންނާއި ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަން 25 ސިފައިންގެ އިތުރުން ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި 25 ސިފައިންނެވެ. އެ އުޅަނދުތަކަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދުތަކެކެވެ.
އިންޑިއާ ސިފައިން ފޮނުވާލި ގޮތުގެ ޓައިމްލައިން
މާޗު 7، އައްޑޫ ގަމުގައި ތިބި 12 ސިފައިން
މާޗު 9، އައްޑޫ ގަމުގައި ތިބި 14 ސިފައިން
އޭޕްރީލް 7، ހަނިމާދޫގައި ތިބި 13 ސިފައިން
އޭޕްރީލް 9، ހަނިމާދޫގައި ތިބި 12 ސިފައިން
މެއި 7، ކައްދޫގައި ތިބި 12 ސިފައިން
މެއި 9، ކައްދޫގައި ތިބި 13 ސިފައިން
މިނިސްޓަރު ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވާލި ނަމަވެސް އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ސެނެހިޔާގައި އެބަ ތިބި ކަމަށާއި އެއީ އެމްއެންޑީއެފުން އެދިގެން 2012 އިން ފެށިގެން އެ ތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ކަމަށެވެ.
"ރައީސްގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުން ވެސް މިނިވަންކަމަށް އަސަރު ކުރާ ކަމަށް ވަންޏާ، އެ މީހުން ފޮނުވާލުން، އިންޑިއާ ސަރުކާރުގައި އެދިގެން، އެކަމަކު މި ވަގުތަކަށް އޭގެ ނީޑެއް ނެތް" ޒަމީރު ވިދާޅުވި އެވެ.
އިންޑިއާގެ ސިފައިން ފޮނުވާލާފައިވާއިރު، އެ އަދަދަށް ވަނީ މަދަނީ މީހުން އެ ގައުމުން ރާއްޖެ ގެނެސްފައެވެ. ރާއްޖެ ގެނެސްފައިވާ މަދަނީ މީހުންނަކީ
ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުންނެވެ. އެއީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުންނެވެ.