މަސްވެރިކަމާއި ގުޅޭ

Aasandha

އާސަންދައިގެ ދަށުން 'އައިވީއެފް' އަށް ފޯމުލުމުގެ ވަގުތު އިތުރުކޮށްފި

އާސަންދައިގެ ދަށުން 'އައިވީއެފް' އަށް ފޯމުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރި އިއުލާނެއްގައި ބުނީ، "އައި.ވީ.އެފް" ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި ކުރިން ކޮށްފައިވާ އިޢުލާނުގެ ދަށުން، 15 މޭ 2024 ގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސާދެވޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.

ފޯމު ހުށަހެޅުން

  1. "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެ އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv) ،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
  2. ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އެ އެޖެންސީގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، info@nspa.gov.mv އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 އަށެވެ.
  3. އާސަންދަ ޑިޖިޓަލް ޕޯޓަލް  (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

 މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވާ ނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެއެޖެންސީގެ ހޮޓްލައިން 1402 ގުޅުމަށް ނުވަތަ info@nspa.gov.mv އަށް އީމެއިލް ކުރުމަށް އެންސްޕާއިން އެދެއެވެ.

"'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" އެ އެޖެންސީގެ ވެބްސައިޓް ގައި ޝާއިޢުކުރެވިފައިވާ ކަމަށްވެސް އެންސްޕާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!