މުރަކަތަކުގެ މައްޗަށް އުފެދިފައިވާ ފަރުތަކުގެ ދުޅަހެޔޮ ކަމަށް ލަނޑައަކީ (parrot fish) ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހެކެވެ. މުރަކަތަކުގައި އުފެދޭ "އަލްގީ" ނުވަތަ ފެހި އުފެދުން ކޮންޓްރޯލްކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަކީ ލަނޑައެވެ.
މުރަކަތަކުގައި އަލްގީ ޖެހުމަކީ އެ މުރަކަތައް އުފެދި ބޮޑުވުމަށް ހުރަސް އެޅޭ ކަމެކެވެ. އަލްގީގެ ސަބަބުން މުރަކައަށް ބޭނުންވާ އިރުގެ އަލިކަން ލިބުން މަދުވެއެވެ. މުރަކައަށް ބޭނުންވާ ކާނާ ލިބުން ދަތިވެއެވެ. މުރަކައިގައި ގިނަ ދުވަސް ވަންދެން އަލްގީ ޖަހާފައި ހުންނަކަމަށް ވަނީ ނަމަ މުރަކަ މަރުވެއެވެ.
އެހެންކަމުން ގުދުރަތީ ގޮތުން ލަނޑާގެ ކެއުމުގެ އާދަތައް ގުޅިފައިވަނީ މުރަކަތަށް ސާފުކުރުމުގެ ނިޒާމެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
މީގެ އިތުރުން މުރަކައިގެ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ބަޔޯއެރޯޝަންގެ މަރުހަލާގައިވެސް ލަނޑާގެ ހިއްސާ އޮވެ އެވެ. އެކި ސަބަބުތަކާހުރެ މަރުވެފައިވާ މުރަކަ ޓިޝޫތަކާއި އޭގެ މަތީގައި ހުންނަ އަލްގީތައް ނައްތާލުމުން މުރަކަތައް އަލުން ހެދުމަށް މަގުފަހިވެގެން ދެއެވެ. މީގެ ސަބަބުން ފަރުގެ ދިރުން އާލާވެ ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓިގެން ދެއެވެ.
ފަރުތަކުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ މަހެއްގެ އިތުރުން ލަނޑައަކީ ވެލި އުފައްދާ މަހެކެވެ. ލަނޑާ މަހުގެ ކާބޯތަކެތި ހަޖަމުކުރުމުގެ ނިޒާމުގެ ޒަރިއްޔާއިން މުރަކަތައް/ގައު ފުނޑުކޮށްލުމަށްފަހު އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ޖަމާވާ ރީތި ވެލި އުފައްދައެވެ. ލަނޑާގެ ތެރެއިން ބޮޑު ސައިޒުގެ މަހެއް އަހަރަކު 1 ޓަނަށް ވުރެ ގިނައިން ވެލިއުފައްދައެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގައި މި ވެލި ވަރަށް މުހިންމު ދައުރެއް އަދާކުރާއިރު، ރަށް ގިރުމުގެ މައްސަލަތައްވެ މަދުކުރުމަށްވެސް ވެއްޔަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ލަނޑައަކީ ދުނިޔޭގެ ހުރިހާ ފަރުތަކެއްގައިވެސް ދިރިއުޅޭ މަހުގެ ބާވަތެކެވެ. މި މަހުގެ އާންމު އުމުރަކީ 5-7 އަހަރެވެ. 1-4 ފޫޓާ ދެމެދުގެ އަދަކަށް މި މަސް ބޮޑުވެއެވެ. ލަނޑައެއްގެ ދުވަހުގެ 90 ޕަސަންޓު ވަގުތު ހޭދަކުރަނީ ފެހި ކެހުމުގައެވެ. ފަރުތަކުގައި މުރަކައިގެ ދިރުން ފެށުމަށް ބޭނުންވާ ޖާގަ ލިބެނީ ގާތަކުގައި ޖަހާފައިވާ ފެހި، ލަނޑާ ކައި ސާފުކުރުމުންނެވެ.