މަސްވެރިކަމާއި ގުޅޭ

big_NQ7eAmOwlFPtAWWtKv5RD1fLB

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން މިއަދު ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާއްމުކޮށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އެ ދުވަސްތަކު އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

އެހެންކަމުން ހުރިހާ ފަރާތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓުން އެދުނެވެ.

މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް މެޓުން މީގެކުރިން ބުންޏެވެ.

ދިވެހިރާއްޖޭގައި އޮންނަ 2 މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީމަހުން ފެށިގެން މާޗުމަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރުމަހުގެ ނިޔަލަށެވެ.

މެޓު އޮފީހުން ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށެވެ. އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާ ކަމަށެވެ.

މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެ ނުވަ ވަނަ ދުވަހު ކަމަށްވެސް މެޓުން ހާމަކުރެއެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑު

ވާރޭ : 1 މޭ ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަނަ އިތުރަށް ވާރޭ ވެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން

ވައި : ވައިގެ މިސްރާބް ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަވުރެ ބާރުމިނުގައި ޖެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!