މަސްވެރިކަމާއި ގުޅޭ

Whale shark

ފިރިހެން ފެހުރިއްސަށްވުރެ އަންހެން ފެހުރެހި މާ ބޮޑުވޭ: ދިރާސާ

ކަނޑުގައި އުޅޭ މަސްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަސްކަމުގައިވާ ފެހުރިހީގެ ފިރިހެން ވައްތަރަށްވުރެ އަންހެން ވައްތަރު ސައިޒުން މާބޮޑު ވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

މިގޮތަށް ދައްކާފައިވަނީ 10 އަހަރު ވަންދެން އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް އޮފް މެރިން ސައިންސް އިން ކުރި ދިރާސާއަކުންނެވެ. މިދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފިޝް ބަޔޮލޮޖިސްޓް ޑރ މާކް މޭކާން ވިދާޅުވި ގޮތުގައި ފިރިހެން ފެހުރިއްސަށްވުރެ އަންހެން ފެހުރިހި ބޮޑުވާލެއް އަވަހެވެ. ނަމަވެސް ފިރިހެން ފެހުރެހި 8 ނުވަތަ 9 މީޓަރަށް ބޮޑުވުމަށްފަހު ދެން އިތުރަށް ބޮޑު ނުވާކަމަށް ބުނެފައިވެއެވެ. އަދި އަންހެން ފެހުރިހި ބޮޑުވާލެއް ލަސްވިޔަސް 14 މީޓަރާއި ހަމަޔަށް ބޮޑުވާކަމަށްވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބައެއް ފެހުރިހި 18 މީޓަރަށްވުރެވެސް ބޮޑުވާކަމަށް ޑރ މާކް ވިދާޅުވެފައިވެއެވެ. އެކަމަކު ތަފާތަކީ އަންހެން ފެހުރިހި ބޮޑު ވާލެއް ލަސްވުންކަމަށާއި، މިގޮތުން އަންހެން ފެހުރިހި ބައެއް ފަހަރު ބޮޑު ވަނީ އަހަރަކު އެންމެ 20-30 ވަރަކަށް ސެންޓިމީޓަރަށް ކަމަށްވެސް އޭނާ ފަހަގަކޮށްފައިވެއެވެ.

މިދިރާސާގެ ތެރެއިން ބަނޑުބޮޑު ފެހުރެއްސެއް ފެނިފައިވަނީ އެންމެ ފަހަރަކުކަމަށް ދިރާސާގައި ބައިވެރިވި ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ. މިގޮތުން މި މާބަނޑު  ފެހުރެހި 300 މަހެއް ވިހާފައިވާކަމަށް ހޯދުންތަކުން އެގިނފައިވެއެވެ.

އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް އޮފް މެރިން ސައިންސް އިން މިދިރާސާ ހަދާފައިވަނީ 2009 ވަނަ އަހަރުން 2019 ވަނަ އަހަރަށް އޮސްޓްރޭލިއާގެ ނިންގާލޫ ރީފްގައެވެ. އަދި މި ދިރާސާގެ ތެރެއިން ހާހެއްހާ ފެހުރެހީގެ މިންތައް ބަލާ، ވަރަށް ގާތުން 54 ފެހުރިއްސެއްގެ ދިރާސާ ކޮށްފައިވެއެވެ. މިދިރާސާގައި ބޭނުންކޮށްފައިވަނީ ވަރަށް ޚާއްސަ ކެމެރާ އާއި އެހެން ބައެއް ވަސީލަތްތަކެކެވެ. އަދި ބައެއް މެރިން އަދި ފިޝް ބަޔޮލޮޖިސްޓުން ވަނީ ދިރާސާ ކުރުމަށް އެކި ފަހަރު މަތިން ފެހުރެހިތައް އުޅޭ ތަންތަނަށް ޑައިވްކޮށް މިންތައްވެސް ނަގާފައެވެ.

މިދިރާސާގެ ޒަރިއްޔާއިން ފެހުރެހީގެ ނަސްލު ނެތިގެންދިޔަ ނުދިނުމަށް މުހިންމު ހޯދުންތަކެއްވެސް ވަނީ ހޯދިފައެވެ. މިދިރާސާގެ ހުރިހާ ހޯދުމެއް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!