ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓު ކުރުމުގެ ގަވާއިދުގައި ވާގޮތުން، ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނުގައި ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގަވާއިދުގައި ނުވަތަ މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އަތުނަނު ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ކޮންމެ ސަރަހައްދެއްގައިވެސް ބޮޑުކަންނެލީގެ މަސްވެރިކަން ކުރެވިދާނެއެވެ.
އަަދި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ހުއްދަ ދެވޭނީ، ދިވެހިރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރުމަށެވެ.
އޮއިވާލި ކަނދުފައްޗާ ތިން މޭލަށްވުރެ ކައިރިން ދިރޭ އެން ޖަހައިގެން ނުވަތަ އަޑިއަށް ފައްތައިގެން ނުވަތަ ވަދު އަޅައިގެން ނުވަތަ ލޭނު އަޅައިގެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާ ކަމަކަށް ވާތީ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރަންވާނީ އޮއިވާލި ކަނދުފައްޗާއި ތިން މޭލު ކައިރިން ކަމަށް ބަލާބެލުމަށް ޝައްކުވާ ހިސާބަށް ކައިރިނުވާނޭ ގޮތަށް، އޮޔާއި ވައި ހުންނަގޮތް ބަލައިގެން ކަމަށް އެ ގަވާއިދުގައި ވެއެވެ.
މީގެ އިތުރުން އެ ގަވާއިދުގައި ވަނީ، ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުން އަޅާ ލޭނުބައިގެ މައި ނަނު ހުންނަންވާނީ ކަނޑުގެ މަތީ ފަށަލައިން ފެށިގެން މަދުވެގެން 20 މީޓަރު ފުންމިނުގައި ކަމަށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓު ކުރުމުގެ ގަވާއިދުގައި ވެއެވެ.