މަސްވެރިކަމާއި ގުޅޭ

ކިރުޅި ފާނަ - ފޮޓޯ: ރީފްލައިފްސާވޭ
ކިރުޅި ފާނަ - ފޮޓޯ: ރީފްލައިފްސާވޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފާނައިގެ ބާވަތްތައް

ފާނައިގެ ބާވަވްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެއެވެ.

ދުނިޔޭގައި 16 ޖީނަސް އަކަށް ނިސްބަތްވާ 160 އަށް ވުރެ ގިނަ ބާވަތުގެ ފާނަ އުޅެއެވެ. ނަމަވެސް ރާއްޖޭގައި އުޅޭކަމަށް ފާހަގަ ކުރެވިފައި ވަނީ 41 ބާވަތެވެ.

އާންމު ގޮތެއްގައި ކުދި ފާނަ އުޅެނީ ގޮނޑުދޮށާ ކައިރީގައި ހުންނަ މޫދު ވިނަ އާއި އަކިރި ފަދަ ތަންތަނުގައެވެ. އަދި ބޮޑެތި ފާނަ އުޅޭކަމަށް ފާހަގަ ކުރެވިފައި ވަނީ އީކުއޭޓާ ކަނޑުގެ ސަރަހައްދުގެ ހޫނު ކަނޑުތަކާއި ސަބްޓްރޮޕިކަލް ހިސާބު ފަދަ މެދު މިންވަރަކަށް ހޫނުކަން ހުންނަ ކަނޑުތަކުގައެވެ.

އާއްމުގޮތެއްގައި 200 މީޓަރުގެ ފުންމިނުގައި ފާނަ އުޅޭއިރު، މުރަކަ ފަރުތަކުންވެސް ފާނަ ފެނެއެވެ. މީގެ އިތުރުން 500 މީޓަރު ފުނުގައިވެސް ބައެއް ފާނަ އުޅެއެވެ.

ފާނައިގެ އެކި ބާވަތްތައް، ދަރިމައިވެ އާލާވާ ގޮތް ވެސް ތަފާތެވެ. ނަމަވެސް ގިނަ ބާވަތުގެ ފާނަ، ދަރިމައިވުމުގައި އެއްގޮތެވެ.

ގިނަ ބާވަތްތަކުގެ ފާނަ، އަންހެން މަހެއްގެ ގޮތުގައި ފުރާވަރަށް އެރި ނަމަވެސް އުމުރުގެ ވަކި ހިސާބަކުން ފިރިހެން މަހަށް ޖިންސު ބަދަލުވެއެވެ. ފާނައިގެ ގިނަ ބާވަތްތައް ލަހުން ބޮޑުވެ، ލަހުން ފުރާވަރަށް އެރި ނަމަވެސް އުމުރު ދިގެވެ.

ފާނައަކީ އައިން ހަދައިގެން އުޅޭ މަހަކަށް ނުވި ނަމަވެސް ގިނަ ބާވަތްތަކުގެ ފާނަ، ބިސް ދޫކުރުމަށް އެއް ހިސާބަކަށް އެއްވެއެވެ. އާއްމުގޮތެއްގައި ބިސް ދޫކުރުމަށް ފާނަ ޖަމާވާނީ ހަނދުފޮއި ދުވަސްވަރާއި ކަޅުފޮއި ދުވަސްވަރުއެވެ. އެފަދަ އެއްވުންތައް މަދު ދުވަސްކޮޅަކަށްވެސް އަދި ހަފްތާއަށްވެސް ދެމިގެން ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!