މަސްވެރިކަމާއި ގުޅޭ

ގަވާއިދު: ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިރާސާ ކުރާނަމަ ހުއްދަ ނަގަން ޖެހޭނެ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދުގައި ވާގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދިރާސާއެއް ކުރުމުގެ ކުރިން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަން ޖެހެއެވެ.

ދިރާސާ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު، އަންނަނިވި ތަކެތި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

  • ދިރާސާ ކުރުމަށް ދައުލަތުގެ އެހެން އިދާރާއަކުން ހުއްދައެއް ނަގަން ޖެހޭ ނަމަ އެ ހުއްދައެއް،
  • ދިރާސާއަށް ޒިންމާވާ ފަރާތުގެ ތަފްސީލު
  • ދިރާސާ ކުރާ ޓީމުގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު
  • ދިރާސާ ކުރާ ޓީމުގައި ދިވެހިރާއްޖެއިން ބޭރުގެ ފަރާތެއް ހިމެނޭ ނަމަ، އެފަރާތުގެ ޕާސްޕޯޓުގެ ކޮޕީ

މި ގަވާއިދުގެ ދަށުން، ދިރާސާ ކުރަން ބޭނުންވާ ފަރާތްތަކުން، އެކަން ފަށާ ތާރީހުގެ މަދުވެގެން ދެ މަސް ދުވަސް ކުރިން، ދިރާސާ ކުރުމުގެ ހުއްދައަށް އެދި ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

ދިރާސާ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު، މިނިސްޓްރީން ވަޒަންކޮށް، އެއްވެސް މައްސަލައެއް އޮތް ނަމަ، ނުވަތަ މައުލޫމާތު ފުރިހަމަ ނުވާ ނަމަ، ނުވަތަ ހުށަހެޅިފައިވާ ދިރާސާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އުޒުރުވެރިވާ ފަދަ އެއްވެސް ކަމެއް ހިމެނޭނަމަ، އެކަމެއް، ހުއްދައަށް އެދި ހުށަހަޅާ ފަރާތަކަށް، ފޯމު ހުށަހެޅި ތާރީހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އަންގާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

އޭގެ އިތުރުން އެ ގަވާއިދުގައި ވާގޮތުން، ދިރާސާ ކުރުމުގެ ހުއްދަ ދޫކުރެވޭ ފަރާތަކީ ހުށަހަޅާ ދިރާސާ ކުރުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމުގައި މިނިސްޓްރީގެ ފަރާތުން ޔަގީން ކުރަން ޖެހެއެވެ.

އެ ފަރާތެއްގެ ގާބިލުކަން ބެލުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ"-

  • ކަމާ ގުޅޭ ތަމްރީނާއި ތައުލީމު ލިބިފައިވާ މިންވަރު
  • ކުރުމަށް ހުށަހަޅާ ދިރާސާ ނުވަތަ އެފަދަ އެހެން ދިރާސާތަކާ ގުޅޭގޮތުން ޝާއިއު ކޮށްފައިވާ ސައިންޓިފިކް ރިޕޯޓުތައް
  • ދިރާސާ ކުރުމަށް ހުށަހަޅާ ޓީމުގައި ބައިވެރިވާ ފަރާތްތަކުގެ ވަނަވަރާއި، އެ ފަރާތްތަކުން ކޮށްފައިވާ ސައިންޓިފިކް ދިރާސާތައް، އަދި
  • ހުށަހަޅާ ދިރާސާ ކުރަން ބޭނުންވާނެ ވަސީލަތްތަކާއި އެ ވަސީލަތްތްއް ހުރި މިންވަރެވެ.
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!