ވީއައިއޭ ތަރައްޤީގެ މަޝްރޫއަށާއި ސިއްހީ ދާއިރާގެ ތަރައްޤީއަށް ސައުދީ ފަންޑުން 150 މިލިއަން ޑޮލަރުގެ ލޯނެއް

އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ފިނޭންސް މިނިސްޓްރީ
އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ފިނޭންސް މިނިސްޓްރީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ ލޯނު އެހީއަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި ސައުދީ ފަންޑު ފޯރ ޑިވެލޮޕްމަންޓާއި ދެމެދުއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްްގައެވެ. އެގޮތުން މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤަކެވެ. އަދި ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސައިދޭނެއެެވެ. އަދި ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ސީއީއޯ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއްކަމަށެވެ. އަދި ސިއްހީ ދާއިރާ ތަަރައްޤީކުރުމަށް ދިން އެހީއަކީ ރާއްޖޭގެ ރަށްރަށުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފޯރުކޮށްދޭ އެހީއެއްކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްުޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ސައުދީ އެމްބަސީގެ އިސްބޭފުޅުންނާއި ސައުދީ ފަންޑުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ