މަސްވެރިކަމާއި ގުޅޭ

053ea3e5-8995-410a-b909-4c75f1ff10e2

ރިސޯޓާއި ގެސްޓުހައުސަށް ފުރަގަސްދީ، ރާޝިދުގެ ހިތް ހަދިޔާ ކުރީ މަސްވެރިކަމަށް

އެންމެ ކުޑައިރުގެ ހަނދާތަންތަކަށް ޖެހިލާއިރު، ބޮޑު ފަތިހާ ބައްޕަމެން މަސްވެރިކަމަށް ފުރާނެއެވެ. ބައެއް ފަހަރު ކުޑަޔަށް ތިބޭ ދަރިން ގެންދާނެއެވެ. އަނެއްބައި ފަަހަރު ގެންދިއުމަށް އުޒުރުވެރިވާނެއެވެ. ނަމަވެސް ކަށީގައި ހަރުލާފައި ހުރުމާއި، ހިތުގައި މަސްވެރިކަމަށް ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުން، ބައްޕަމެން މަހަށް ފުރުމުގެ ކުރިން، ރަށްޓެހި ކުއްޖަކާއެކު، ދޯނީގެ އެންވަތަށް ވަދެ ތިބެނީއެވެ. އެންވަތުގައި ބަޔަކު ތިބިކަން ބައްޕަމެންނަށް އެނގެނީވެސް އެންވަތުގެ ދިޔަ ބޮޑުކުރަން މީހަކު އެންވަތަށް ފޭބުމުންނެވެ. އެންވަތުގައި ފިލާ ތިބި ކުދިން ފެނި ހަޅޭކެއް ލެވުމަށްފަހުވެސް މަހަށް ދާނީ ކުދިން ގޮވައިގެންނެވެ.

މިއީ ގދ. ފަރެސްމާތޮޑާގައި މިހާރު މަސްވެރިކަމުގައި އެންމެ މަޝްހޫރު އެއް މަސްވެރިޔާ އާދަމް ރާޝިދުގެ ކުޑައިރުގެ ހަނދާންތަކެވެ. އޭރުން ފެށިގެން ރާޝިދުގެ ހިތުގައި މަސްވެރިކަމަށް ހާއްސަ ޖާގައެއް ދެވިފައިވެއެވެ.

އެންމެ ކުޑައިރުން ފެށިގެން ރާޝިދު އެންމެ ކުރާހިތްވާ މަސައްކަތަކީ މަސްވެރިކަމެވެ. އެހެންކަމުން ސްކޫލު ނިންމުމަށްފަހުގައިވެސް ރާޝިދު ފުރަތަމަ ދާންފެށީ މަހަށެވެ.

އެއަށްފަހު، އެހެން ދާއިރާތަކެއްގައިވެސް އޭނާ މަސައްކަތް ކުރިއެވެ. ރިސޯޓު ދާއިރާއާއި ގެސްޓްހައުސް ދާއިރާގައެވެ. ލޯންޗް ދުއްވުމުގައެވެ. ނަމަވެސް ޗުއްޓީއެއް ލިބޭއިރަށް ރާޝިދު ދަނީ މަހަށެވެ.

ރިސޯޓު ވަޒީފާއަށް ފަހު، ގެސްޓްހައުސްއެއް ހިންގަން ހަވާލުވެ އުޅުމަށްފަހު ރާޝިދު ގެސްޓްހައުސްއެއް އަމިއްލައަށް ނަގައިގެން ވެސް ހިންގިއެވެ. އޭގެފަހުން ލޯންޗެއް ކުއްޔަށް ނަގައިގެން ދުއްވިއެވެ. ނަމަވެސް އެންމެ ފަހުން މަސްވެރިކަމަށް ހުސްވީއެވެ. ރާޝިދު ބޮޑުކަންނެލީގެ މަސްވެރިކަމާއި ކަނޑުމަހުގެ މަސްވެރިކަންވެސް ކުރިއެވެ.

މި ހުރިހާ ކަމަކަށް ބަލާފައި އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ކަމަކީ ކަނޑުމަހުގެ މަސްވެރިކަން ކަމަށް ރާޝިދު ބުނެއެވެ. އަދި ރަށުގައި ހުރެވުމާއި، ދޯނީގެ ހުރިހާ ފަޅުވެރިން ނަމާދާއި އަޅުކަމުގައި ވަގުތު ހޭދަކުރާތީ، މަހަށްދާއިރު އެކަންކަމަށްވެސް އިތުރަށް ހަރަކާތްތެރި ވެވޭކަމަށް އޭނާ ފާހަގަ ކުރިއެވެ.

އެހެންކަމުން އެންމެ ފަހުން މަސްވެރިކަމަށް ހުސްވެ، ފުލްޓައިމް ވާޒީފާއެއްގެ ގޮތުގައި މަހަށް ދާން ފެށީއެވެ.

މަހަށް ދާން ފަށާފައިަ ރަނގަޅު އާމްދަނީއެއް ލިބެން ފެށުމުން، ދެން އެހެން ވަޒީފާއަކަށް ދާން ރާޝިދު ބޭނުން ނުވީއެވެ. މިހާރު ބޭނުމީ މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދާށެވެ.

ރާޝިދު މަސްވެރިކަމުގައި ހަރަކާތްތެރި ވަނީ (ރީނދޫ ބޫޓުގައި)

 

މަހަށް ދަމުން ސޯޝަލްމީޑިޔާ ހިންގުމުގައި

ރާޝިދު އަކީ ޔޫޓިއުބްގެ ސިލްވަރ ޕްލޭ ބަޓަން ލިބިފައިވާ ފަރާތެކެވެ.

އޭނާ ޔޫޓިއުބަށް ވީޑިއޯ ލާން ފެށީ، ގެސްޓްހައުސް ދާއިރާގައި އުޅުނުއިރު، ގެސްޓުން ގޮވައިގެން ސްނޯކްލިންގްއަށް ގޮސް ނަގާފައި ހުންނަ ވީޑިއޯ ރައްކާކުރުމުގެ ބޭނުމުގައެވެ. އޭގެ ފަހުން މަސްވެރިކަމަށް އެއްކޮށް ހުސްވެގެން އުޅެންފަށާފައި، ފަރެސްމާތޮޑާ މަސްވެރިންގެ ނަމުގައި ޕޭޖެއް ހަދައިގެން ވީޑިއޯ ލާން ފެށީއެވެ.

އަދި މީހުންގެ ސަޕޯޓް ލިބެން ފެށުމުން އިންސްޓަގްރާމާއި ޔޫޓިއުބް ޗެނަލްއަށް އަދި ޓިކްޓޮކްއަށްވެސް ވީޑިއޯ ލާން ފެށީއެވެ.

ނަމަވެސް ރާޝިދު ފަރެސްމާތޮޑާ މަސްވެރިންގެ ނަމުގައި ފުރަތަމަ ހެދި ފޭސްބުކް ޕޭޖު ވަނީ 87 ހާސް ފޮލޯވަރުންނާއެކު ހެކްކޮށްފައެވެ. އެ ޕޭޖު ހޯދުމަށް މިހާރުވެސް ކެނޑި ނޭޅި މަސައްކަތް ކުރަމުން ދާއިރު، ރާޝިދުގެ އެންމެ ބޮޑު އެދުމަކީ، އެ ޕޭޖަށް ސަޕޯޓް ކުރި އެންމެން، އާ ޕޭޖަށް ފޮލޯކުރުމެވެ.

މަސްވެރިން ސިނާއަތާ ދުރަށް ދިއުން

ރާޝިދުއަށް ވިސްނޭ ގޮތުގައި، ވިއްކާލާ ދޯނިތައް ވިއްކަނީ މަސްވެރިކަން ރަނގަޅު ނޫން ހިސާބުގައެވެ. އޭގެތެރޭގައި ގިނަ ވާނީ ކަންނެލި އޮޑިފަހަރެވެ.

ހަތް އަހަރު ކަންނެލި މަސްވެރިކަމުގައި އުޅުމަށް ފަހު ކަނޑުމަހުގެ މަސްވެރިކަމަށް ބަދަލުވި ފަހުން ރާޝިދުއަށް ތަޖުރިބާ ކުރެވުނު ކަމަކީ، ކަނޑުމަހުގެ މަސްވެރިކަމުން ލިބޭ ވަރަށް ކަންނެލީގެ މަސްވެރިކަމަކުން އާމްދަނީ ނުލިބޭ ކަމެވެ.

ކަންނެއްޔަށް ދިޔައިރު ހަފްތާއަކުން ރާޝިދުއަށް އެންމެ ގިނައިން ލިބިފައި ހުރީ ގާތްގަނޑަކަށް 18 ހާސް ރުފިޔާއެވެ. އެވަރުވެސް ވާނީ މަދު ފަހަރަކުއެވެ. ނަމަވެސް ކަނޑުމަހުގެ މަސްވެރިކަމުގައި، ހަފްތާއަކުން 70 ހާސް ނުވަތަ 80 ހާސް ރުފިޔާ އޭނާއަށް ލިބިފައި އެބަހުއްޓެވެ.

ކަނޑުމަހުގެ މަސްވެރިކަން އެންމެ ދަށް އިރުވެސް 20 ނުވަތަ 30 ހާސް ރުފިޔާއަށްވުރެ މަތިވާނެ ކަަމަށް ރާޝިދު ބުނެއެވެ.

ސިނާއަތާއެކު ލިބިފައިވާ އުފަލާއި ހިތާމަ

މިދާއިރާގައި ރާޝިދު އެންމެ އުފާވި ދުވަސްތަކަކީ، މަސައްކަތް ކުރި ދެ ދޯނީގައި ރެކޯޑު އަދަދަކަށް މަސް ބޭނުނު ދުވަސްތަކެވެ.

އެގޮތުން ރާޝިދު 'ބާހިރާ' ދޯނިން މަހަށް ދިޔައިރު، 48 ޓަނު މަހާއެކު ރަށުގެ ރިކޯޑު އަދި ދޯނީގެވެސް ރިކޯޑު ހެދުނެވެ. އޭގެ ފަހުން 'ސަފީނާ' ދޯނިން މަހަށް ދިޔައިރު ދެ ފަހަރެއްގައި، ކޮންމެ ފަހަރަކު 50 ޓަނު މަސް ބޭނުނެވެ. އެއީ އަނެއްކާވެސް ރަށުގެ ރިކޯޑާއި ދޯނީގެވެސް ރިކޯޑެވެ.

ރާޝިދު ހަނދާންވާ އެންމެ ހިތާމަވެރި ހާދިސާއަކަށް ކަނޑުމަތީގައި ހިނގީ، ލޯ ކުރިމަތީގައި ދޯންޏެއް ކަނޑު އަޑިއަށް ދިޔަ ދުވަހެވެ. ރާޝިދު އޭރު މަސައްކަތް ކުރި 'ބާހިރާ' ދޯނިން މާލެ ކައިރީ ބޮޔަކަށް ދިޔައީ ކަނޑު ގަދަ ދުވަހެއްގައެވެ. ނަމަވެސް ކުރިމަތިން ދޯންޏެއް އަޑިއަށް ދާތީ އެހީވާން މަޑުކުރީއެވެ. ދޯނީގައި ތިބި މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވީ ނަމަވެސް ދޯނި އަޑިއަށް ޣަރަޤުވީ ރާޝިދުމެން ބަލަބަލަ ތިއްބައެވެ.

ކުރިމަގަށް ކުރާ އުންމީދު

މަސްވެރިކަމުގެ ސިނާއަތާމެދު ރާޝިދު ކުރާ އުންމީދުތައް ފޮންޏެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވެ، މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު، ސިނާއަތުގެ ކުރިމަގު ރަނގަޅުވާނެ ކަމަށް ރާޝިދު އުންމީދު ކުރެއެވެ.

މި ސަރުކާރުން ޕްލޭންތަކެއްވެސް ހަދާފައިވާކަން ފާހަގަކޮށް ރާޝިދު ބުނީ، ދާއިރާއާމެދު ކުރާ އުންމީދު ބޮޑު ކަމަށެވެ. ނަމަވެސް މަސްވެރިކަމަށް އަނެއްކާވެސް އިހުމާލު ވެއްޖެ ނަމަ މަސްވެރިންތަކެއް ގެއްލި، ސިނާއަތް އިނދަ ޖެހޭނެކަމަށް ރާޝިދު ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ސަޅި ކުއްޖެއް. މަސްވެރިކަމުގައިވެސް ވަރަށް ރީތި ކުދިން އުޅޭ ❤️

Comments are closed.