މާލެ ސަރަހައްދަށް މޫސުން ގޯސްވެފައި -- ފޮޓޯ/ ދުވަސް
މާލެ ސަރަހައްދަށް މޫސުން ގޯސްވެފައި -- ފޮޓޯ/ ދުވަސް

ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އަނެއްކާވެސް އިލްތިމާސް ކޮށްފި

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފްއިން މިފަދައިން އިލްތިމާސް ކޮށްފައި މިވަނީ، ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް، ހުކުރު ދުވަހުން ފެށިގެން ހޯދަމުންދާ ދަނޑިވަޅެއްގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން،  ރާއްޖޭގެ ބޮޑު ބަޔަކަށް ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އިއްޔެވެސް އިލްތިމާސް ކުރިއެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ ހަނދާންކޮށްދީފައެވެ.
އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.

މޫސުން ގޯސްވެ، މިރޭ މެންދަމާ ހަމައަށް މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!