މާލެ ސަރަހައްދަށް ކަނޑު ގަދަ ދުވަސްވަރެއް -- ފޮޓޯ/ ވަގުތު
މާލެ ސަރަހައްދަށް ކަނޑު ގަދަ ދުވަސްވަރެއް -- ފޮޓޯ/ ވަގުތު

މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެންމެ ފަހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށެވެ. އަދި ވައިޓް އެލާޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ނިޔަލަށެވެ.

މެޓުން ބުނީ، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، މިއަދު މެންދަމު 1:30ގެ ނިޔަލަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މޫސުން ގޯސްވެ، މުޅި އިއްޔެވެސް މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބަށް ޔެލޯ އެލާޓް ނެރެފައެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން މީގެ ކުރިން ބުނެފައި ވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އެދުނެވެ.
އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!