މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެންމެ ފަހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށެވެ. މިއީ ރޭވެސް މެޓުން ޔެލޯ އެލާޓް ނެރުނު ސަރަހައްދެވެ.
މެޓުން ބުނީ، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، މިއަދު މެންދުރުފަހު 2:30ގެ ނިޔަލަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވެ، މުޅި އިއްޔެއާއި އާދީއްތަ ދުވަހުވެސް މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބަށް ޔެލޯ އެލާޓް ނެރެފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން މީގެ ކުރިން ބުނެފައި ވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އެދުނެވެ.
އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ