ތިލަމާލެ ބުރިޖުގެ ތަނބެއް--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތިލަމާލެ ބުރިޖުގެ ތަނބެއް--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ތިލަމާލެ ބުރިޖުގެ 37.7 ޕަސަންޓު މަސައްކަތް ނިންމާލައިފި، އަންނަ އަހަރު ނިމުމުގެ ކުރިން މާލެއާއި ވިލިމާލެ ގުޅޭނެ

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ 9 ޕަސަންޓު، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓެކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތުގެ 37.71 ޕަސަންޓު ނިންމާލައިފައިވާ ކަމަށެވެ.

"މާލެ އާއި ވިލިމާލެ ގުޅުވައި އަންނަ އަހަރުގެ ޑިސެންބަރު މަސް ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ" ނާޝިދު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓެކްޗާ މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި ތިލަމާލެ ބުރިޖުގެ މަޝްރޫއު އެއްކޮށް ނިންމޭނެ ތާރީހަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

ބުރިޖުގެ މަސައްކަތް ފުރަތަމަ ފެށިގެން ދިޔައީ ޕްލޭނާ އެއްގޮތަށް ނަމަވެސް، އެ މަސައްކަތަށް ބޮޑު ލަސްވުމެއް އައިސް، ނިންމަންޖެހޭ އާ ތާރީހު ކަނޑައަޅައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ގައި ވަނީ ސަޕްލިމެންޓަރީ އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. އެ އެގްރީމެންޓުގައިވާ ގޮތުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ. އެގޮތުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 އެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެ ބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް މީގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓެކްޗާ މިނިސްޓްރީން ބުނެފައިވެއެވެ.

ތިލަމާލެ ބުރިޖަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!