ސްޓެލްކޯއިން މީގެކުރިން ބޭއްވި ގަސް އިނދުމުގެ ޕްރޮގްރާމެއްގެތެރެއިން،ފޮޓޯ: ސަން ފޮޓޯ
ސްޓެލްކޯއިން މީގެކުރިން ބޭއްވި ގަސް އިނދުމުގެ ޕްރޮގްރާމެއްގެތެރެއިން،ފޮޓޯ: ސަން ފޮޓޯ

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ގަސް އިންދުމުގެ ހަރަކާތެއް ހިންގަނީ

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް28 ސަމިޓުގައި އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ޙަރަކާތެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒިފުންގެ ބައިވެރިވުން މުހިންމުކަމަށް ދެކޭކަމަށް ފަހުމީ ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. ސަރުކާރުންވަނީ މި ޕްރޮގްރާމު އަންނަ މަހުގެ 5ވަނަ ދުވަހު ފާހަގަކުރާ ތިމާވެށީގެ ދުވަހު ފެށުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަހެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!