ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިިލް
ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިިލް

މާޗު މަހު ގްރީން ފަންޑުން 20 މަޝްރޫޢަކަށް ހަރަދުކޮށްފި

މިއަހަރުގެ މާޗު މަހު ގްރީން ފަންޑުން 20 މަޝްރޫޢަކަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މާޗު މަހުގެ ގްރީން ފަންޑުން މި 20 މަޝްރޫޢަށް ވަނީ ޖުމްލަ 19.8 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ރިޕޯޓުގައިވާގޮތުން އެމަހު އެ ފަންޑުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށެވެ.

މާޗު މަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވާ މަޝްރޫޢުތައް

ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް : 11.4 މިލިއަން ރުފިޔާ

ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް : 3.1 މިލިއަން ރުފިޔާ

ކ. ހިންމަފުށީ ފެނުގެ ނިޒާމު ގާއިމްކުރުމަށް : 2.6 މިލިއަން ރުފިޔާ

ފ. ނިލަންދޫ ފެނުގެ ނިޒާމު ގާއިމްކުރުމަށް : 266941 ރުފިޔާ

ހިސާބުތައް ދައްކާގޮތުގައި މަރޗުމަހު ފަންޑަށްވަނީ 113 މިލިއަން ރުފިޔާ ޖަމާވެފައެވެ. އަދި މަރޗުމަސް ނިމުނުއިރު ފަންޑުގައި ބާކީ ހުރީ 1.3 ބިލިއަން ރުފިޔާއެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެގޮތުގައި ނަގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!