DSC08926

އަމާޒަކީ މި އަހަރު ބައެއް އައިސް ޕްލާންޓުތައް ހުޅުވުން: މިނިސްޓަރު

މި އަހަރު ބައެއް އައިސްޕްލާންޓްތައް އަލަށް ހުޅުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މަސްވެރިން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ. 11 އައިސްޕްލާންޓް ގާއިމު ކުރުމުގެ މަޝްރޫއު މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.

އެހެންކަމުން، މި އަހަރުގެ ފަހުކޮޅު އަދި އަންނަ އަހަރުގެ ކުރީކޮޅު އެ އައިސްޕްލާންޓްތައް ގާއިމު ކުރެވި، ހިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ޑިސެމްބަރު 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަ ކުރާއިރު، މީގެ ތެރެއިން ބައެއް އައިސް ޕްލާންޓްތަކުން ހިދުމަތް ލިބޭ މިންވަރަ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް މަސްވެރިކަމާ ބެވޭ ވުޒާރާއިން ބުނީ މިިދިޔަ މަހުގެ ކުރީކޮޅުގައެވެ.

އޭގެ ތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ ހަ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖޭގައި ހުރި އައިސްޕްލާންޓަކުގެ ޖުމުލަ ކެޕޭސިޓީއަކީ 1550 ޓަނު އައިސްއެވެ. އަދި އަލަށް ގާއިމު ކުރެވޭ އައިސްޕްލާންޓް ތަކަކީ 330 ޓަނު އިތުރުވެއް ކަމަށާއި، އޭރުން ޖުމުލަ އައިސް ކެޕޭސިޓީ، 1880 ޓަނަށް ބަދަލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!