މަސްވެރިކަމާއި ގުޅޭ

DSC08928

މާދެލީގައި މަސްފެކްޓްރީ އަޅާނަމަ ވަރަށް ބޮޑު ހަރަދެއްދާނެ، ނިލަންދޫއަށް ބަދަލުކުރީ އެހެންވެ: ވަޒީރު

ދ. މާދެލީގައި މަސްފެކްޓްރީ އަޅާނަމަ އެކަމަށް ވަރަށް ބޮޑު ހަރަދެއްދާނެ ކަމަށާއި، ފ. ނިލަންދޫގައި އެ ފެކްޓްރީ ގާއިމު ކުރާ ގޮތަށް ބަދަލު ކުރީ އެ ސަބަބަށްޓަކައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މާދެލީގައި މަސްފެކްޓްރީއެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ. އޭރުވެސް އެރަށް އޮތީ ރިސޯޓު ހަދަން ދީފައެވެ.

މާދެލީގައި ފެކްޓްރީ ގާއިމު ކުރަން ރައީސް އޭރު ނިންމެވީ، އެ ސަރަހައްދުގެ މަސްވެރިންގެ އެދުމުގެ މަތިންނެވެ.

ނަމަވެސް އެ މަޝްރޫއު ނިލަންދޫއަށް ބަދަލު ކުރުމުން ބައެއް މަސްވެރިން އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށް، އެ ބަދަލު ގެންނަން ޖެހުނު ސަބަބު އޮޅުންފިލުވައިދެމުން ވަޒީރު ވިދާޅުވީ، އެރަށް އަނބުރާ ދައުލަތަށް ނެގުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތް ގޮތުނ، އެ ރަށް ދައުލަތަށް ނަގާނަމަ އެއީ ދައުލަތަށް ޖެހޭނެ ވަރަށް ބޮޑު ބުރައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އެސަރަހައްދުގެ އެހެން ރަނގަޅު ލޮކޭޝަނެއްގައި ފެކްޓްރީ އަޅަން ނިންމީއެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ، ނިލަންދޫ އަކީ އަރބަންސެންޓަރ އެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކަށް ވުމުން ނިލަންދޫގައި މަސްފެކްޓަރީ ގާއިމް ކުރުމުން ގިނަބަޔަކަށް ފަސޭހަ ލިބިގެން ދާނެ ކަމަށެވެ.

ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމެވުމާއި ގުޅިގެން, މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!