ތ. ވަންދޫ، ގުރަހަ، އަހުމަދު ރަސްނާން (ނާނު) އަކީ، މަސްވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ރަސްނާނުގެ ގެއަކީ، މަސް ދޯންޏެއް އޮންނަ ގެއެއް ކަމުން އޭނާއަށް އެންމެ ކުޑައިރުން ފެށިގެން މަސްވެރިކަން ކައިރިން ފެނި، ތަޖުރިބާ ކުރެވިފައި ވެއެވެ. އެގޮތުން ރަސްނާނުގެ އުމުރުން 14 އަހަރުގައި އޭނާގެ ބައްޕަގެ "އަސްދާނު" ދޯނިން މަހަށް ގެންދަން ފަށައިފިއެވެ.
ބައްޕައަކީ ކެޔޮޅަކަށް ވެފައި، ބައްޕަ ހުއްންގާނުގައި ހިފައިގެން މަސައްކަތް ކުރާގޮތް ރަސްނާނުއަށް ވަނީ ދަސްވެފައެވެ. އެހެންކަމުން ސްކޫލު ނިންމި ގޮތަށް، ގޭ ދޯނީގައި ރަސްނާނު ދާންފެށީީ މަހަށެވެ.
ރަސްނާނުއާއެކު މިއަދު އޭނާގެ ދެ އެކުވެރިއެއްވެސް އެ ދޯނިން މަހަށް ދެއެކެވެ. ބޭނުމަކީ، ރަސްނާނު ކައިރިން ހިތްވަރުލިބި މަސްވެރިކަމުގައި ކުރިއަށް ދިއުމެވެ.
ސްކޫލު ދައުރު ނިމުނުން، މަހަށް ދިއުމުގެ ބަދަލުގައި ރަސްނާނުގެ އާއިލާއިން ބޭނުންވީ އޭނާ ކޯހެއް ހެދުމަށެވެ. ނަމަވެސް އޭރު މަސްވެރިކަން ފިޔަވައި އެހެން އެއްވެސް ކަމެއް އޭނާގެ ސިކުނޑިއަކު ނެތެވެ. އެހެން ދާއިރާއަކަށް ވަޒީފާއަށް ދާނެ ހިޔާލެއްވެސް ނެތެވެ. އޭނާ ވަނީ މަސްވެރިކަމަށް ހުސްވެފައެވެ. މިހާރު އެއީ ޒުވާން ކެޔޮޅެކެވެ.
"އާއްމުކޮށް ހަމަ އަޅުގަނޑު ހުންގާނުގަ ހުންނަނީ. ދެން ބައްޕަ އަތަށް ދެނީ، މިސާލަކަށް ބޮޔަށް އަރާފަ، އައިންމަތީ ހިފާލަން. އެހެންނޫނީ އަބަދުވެސް ހުންގާނުގަ ހުންނަނީ" ރަސްނާނު ބުންޏެވެ.
ކަނޑުމަހުގެ މަސްވެރިކަމަށް ދާ މި ދޯނީގައި 21 މީހުން މަހަށް ދެއެވެ.
ރަސްނާނު ބުނާ ގޮތުގައި، އެންމެ ހަނދާން ވަނީ އެންމެ ގިނަ މަސް ބޭނުނު ދަތުރެވެ. އެއީ އެއް ދަތުރުން 28 ޓަނު މަސް ބޭނުނު ފަހަރެއްގައެވެ.
މަސްވެރިކަން ފިޔަވައި އެހެން ދާއިރާއަކަށް ދާން ރަސްނާނު ހިތަކަށްވެސް ނާރައެވެ. އަބަދުވެސް ބޭނުންވަނީ ދޯނި ދުއްވާށެވެ. ރަސްނާނު ފޯކަސް ކުރަނީ ކެޔޮޅަކަށް ވެވޭނެ ހުރިހާ ކަމެއް ފުރިހަމައަށް ކުރާށެވެ.
"ބައްޕަ ރިޓަޔާ ވާންވާއިރަށް ޖެހޭނެތާ ރަސްމީކޮށް ދޯންޏާ ހަވާލުވާން" ރަސްނާނު ބުންޏެވެ.
'އަސްދާނު' ދޯނިން މަސްވެރިކަމުގެ އާ ރެކޯޑެއް ހެދީ ޒުވާން ލީޑަރޝިޕާއެކު
އޭނާ ބުނާގޮތުގައި މަސްވެރިކަމުން ވަރަށް ރަނގަޅު އާއްދަނީއެއް ލިބެއެވެ. އެގޮތުން، މިދިޔަ އަހަރު ދޯނީގެ ބޮޑު މަރާތާމެއް ކުރުމުން، މަހަށް ދެވުނީ ފަސް މަހުގައި ކަމަށާއި، އެ މަސް ފަހުން، ދެ ލައްކަ 27 ހާސް ރުފިޔާ ލިބުނު ކަމަށް ރަސްނާނު ބުނެއެވެ.
އަދި ދޯނީގެ އެންމެ ފަހުގެ ދަތުރުގައި، ކޮންމެ މަސްވެރިއަކަށް 52 ހާސް ރުފިޔާ ލިބުނު ކަމަށް ރަސްނާނު ބުންޏެވެ. އެއީ ތިން ހަފްތާއިން ނިންމާލި ދަތުރެކެވެ.
ވަންދޫގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮންނަނީ ދެ ދޯންޏެވެ. އެ ދެ ދޯނިންވެސް ގިނަ އަދަދެއްގެ މީހުން މަހަށް ދެއެވެ.
ރަސްނާނުގެ އުންމީދަކީ އަމިއްލަ ދޯންޏެއް ބަނުމެވެ. މިހާރުވެސް އޭނާ މަސައްކަތް ކުރަނީ އެ އަޒުމުގައެވެ. ރަސްނާނު ބޭނުންވަނީ، އުމުރުގެ ވަކި ހިސާބަކަށް ދާއިރު އަމިއްލަ ދޯންޏެއް އޮތުމެވެ.
މަސްވެރިކަމުގައި މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ، ކިރާ މަހަށް ފައިސާ ލިބުން ލަސްވުން ކަމަށް ރަސްނާނު ބުނެއެވެ. ތެޔޮ އަގުބޮޑު ވުމަކީވެސް ދައްޗެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ، މަހަށްވާ ފައިސާ އަވަހަށް ލިބެން ފަށާނެ އިރަކަށް އުންމީދު ކުރާ ކަމަށެވެ.
ރަސްނާނު ބުނާ ގޮތުގައި، އެއް ބަޔަކު މި ދާއިރާއަށް ނުނިކުންނަނީ "ހަޑި" މަސައްކަތެއްގެ ގޮތުގައި ދެކޭތީއެވެ. އަނެއްބަޔަކު މަހަަށް ނުދަނީ ރަށުގައި ނުތިބެވޭތީއެވެ. ނަމަވެސް މަހަށް ދާއިރު އަމިއްލަ މިނިވަންކަން މާ ބޮޑު ކަމަށް ރަސްނާނު ބުނެއެވެ. އެގޮތުން ވަކި މީކަމަށް ބަރޯސާވާން ނުޖެހޭ ކަމަށާއި، ބޭނުން އިރަކު ޗުއްޓީވެސް ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އަދި މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭކަންވެސް އޭނާ ފާހަގަ ކުރިއެވެ.
ބައްޕަގެ ފިޔަވަޅުމަތިން ހިނގަންފެށި ރަސްނާނުގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އަމިއްލަ ދޯންޏެއްގެ ހުންގާނުގައި ހިފައިލުމެވެ.