ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދަށް ގަދަ ވަޔާއެކު ވިއްސާރަކޮށް، އާއްމު ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އާއްމު ގޮތެއްގައި ގަޑިއަކު45 މޭލާއި55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވ.ެ އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އެދިފައެވެ.
އޭގެއިތުރުން މެޓުން ބުނީ، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ގަދަ ވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަަށެވެ.