ރައްޔިތުންނަށް އެންމެ މަންފާކުރާ ގޮތަށް ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، މިއަދު ހުވައިކުރައްވާ މަޤާމާ ޙަވާލުވެވަޑައިގެންނެވި 20 ވަނަ ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދެންނެވީ މިއަދު މީސްމީޑިޔާ މަންސައެއްކަމަށްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސްކަމަށް ހޮވިފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.
މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމުގެ ވޯޓުލުންވެސް މިއަދުގެ ޖަލްސާގައި ކުރިއަށް ދާނެ އެވެ. މި މަގާމަށް ހުށަހަޅާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.