GOqSv4ka0AAWi_r

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ވަފުދުގެ ބޭފުޅުންނާއި ހިއްސާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޑިޕާޓުމަންޓު އޮފް ފިޝަރީޒް ރިސޯސަސްގެ މަތީ ފަންތީގެ ވަފުދާއި ހިއްސާކޮށްފިއެވެ.

މިއަދު މަސްވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ފުޖިއާން ޕްރޮވިންސްގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގު ލީޒިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވުޒާރާގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު، ވަފުދަށް މައުލުމާތުދިނުމަށް އިސްކޮށް ހުންނެވީ މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.

ވަޒީރު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން ކުރިއެރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން މެރިކަލްޗަރގެ ދާއިރާއިންނާއި މިދާއިރާއަށް ބޭނުންވާ ހުނަރާއި އިލްމު ތަރައްޤީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ވަޒީރުވަނީ މިދާއިރާއިން ޗައިނާގެ އިންވެސްޓުމަންޓުތަކަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެފައެވެ.

ފުޖިއާންއަކީ ޗައިނާގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ޕްރޮވިންސްއެކެވެ. ފުޖިއާން ޕްރޮވިންސްގެ މި ވަފުދުގެ މި ދަތުރަކީ މަސްވެރިކަމާއި ކަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ބަދަލުކޮށް، ގުޅުންތައް ބަދަހިކޮށް، މަސްވެރިކަން ކުރިއެރުވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތައް ބެލުމަށް ކުރާ ދަތުރެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖެއާއި ޗައިނާ އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށްފައިވާއިރު، މިއަހަރުތެރޭގައި މި އެއްބަސްވުމަށް އަމަލުކުރާ ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ދަށުން 296 ބާވަތެއްގެ ސީފުޑު އެއްވެސް ޓެރިފަކާއި ނުލައި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރެވޭނެއެވެ.

އެހެންކަމުން ޗައިނާގެ އެކި ޕްރޮވިންސްތަކުން ކުރާ މިފަދަ ދަތުރުތަކަކީ މަސްވެރިކަމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް މުހިއްމު ދަތުރުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!