ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމަށްވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހާފިޒް 62އ މިއަދު އަވަހާރަވެއްޖެ އެވެ.
މ. ޒިޔާރަތްދޮށޫގޭ އަވަހާރަވީ، ކެންސަރު ބަލީގައި އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ހާފިޒަކީ ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގަ އާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެގޮތުން ހާފިޒަކީ، ފިޝަރީޒް މިނިސްޓްރީންގިނަ އަހަރުތަކެއް ވަންދެން ނެރުނު މަޝްހޫރު "ރަސްއައިން"ގެ އެޑިޓަރުކަން ގިނަ އަހަރުތަކަކު ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ރާއްޖެއިން އަލަށް ފެންނަ މަސްމަހަށް ނަން ދިނުމާއި މެރިން ރިސާޗްގައިވެސް ހާފިޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާއަކީ، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރެއިން އެކަކެވެ.
ސައިންޓިސްޓުން ވަނީ ހާފިޒު ހޯއްދެވި މަހަކަށް "ހާފިޒް"ގެ ނަމުން ނަންވެސް ދީފައެވެ.
މަސްވެރިކަމުގެ ދާއިރާ އިން ހާފިޒަށް ވަނީ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ.