މަސްވެރިކަމާއި ގުޅޭ

358153_1d6185a4-b_

ޙާފިޒްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ދިވެހިދައުލަތަށް 33 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ ޙިއްޞާކުރެއްވި މެސެޖުގައި އަޙްމަދު ޙާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމް، ޕީއެންސީއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޚާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

މަރްޙޫމް އަޙްމަދު ޙާފިޒް ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 30 މެއި 1981ގައި، ފިޝަރީޒް ޑިވިޜަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަޤާމުންނެވެ. ޖުމްލަ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައި ވާއިރު އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަޤާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު މަރްޙޫމް އަޙްމަދު ހާފިޒަށް ލިބިވަޑައިގެންފައިވެއެވެ.

މަރުޙޫމް އަޙްމަދު ޙާފިޒް ފަސްދާނުލުން އޮންނާނީ، މިރޭގެ ޢިޝާ ނަމާދަށް ފަހު، މަސްޖިދު ޒައިދު ބިން ޘާބިތު، 'ހުޅުމާލެ ސަހަރާ މިސްކިތު'ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!