big_g7kGX7NsdgGDvPQMPxQevCNoF

ފާނަ ބާނަން ފައިބާ އޮތް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި، އެ އެމީހާ މަރުވެއްޖެ

ފާނަ ބާނަން ފައިބާ އޮތް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި، އެ އެމީހާ މަރުވެއްޖެއެވެ.

މި ހާދިސާ ހިންގާފައި ވަނީ މިއަދު ހެނދުނު7 ޖަހާކަންހާއިރުގައެވެ. "މަސްވެރިން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އދ. ދަނގެތި ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހުމަދު ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ، މަހަށް ފައިބާ އޮތް މީހެއްގެ ގައިގައި ލޯންޗަކުން ޖެހިގެން ކަމަށެވެ. ދަތުރުކުރި ލޯންޗަކީ އދ. މާމިގިލިން ކ. މާލެއަށް ފެރީ ދަތުރު ކުރާ ލޯންޗެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ، ފާނަ މަސްވެރިކަން ކުރާ، ފަ. އަތޮޅު ދޯންޏެއްގެ ބިދޭސީ ފަޅުވެރިއެކެވެ.

އިމްރާން ވިދާޅުވީ، ބިދޭސީ މީހާ ފާނަ ނަގަން ފައިބާ އޮތީ ދަނގެތި ކައިރީގައިވާ ތިލައަކަށް ކަމަށެވެ. އެމީހާ މަރުވެފައި ވާއިރު، ލޯންޗުގެ ބުރަފަތިން ޖެހުމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޒަޚަމްވެފައި ވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"ފުދޭ ވަރަކަށް ބޮޑަށް އަނިޔާ ލިބިފަ އޮތް ކަމަށް މައުލޫމާތު ލިބެނީ" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމީހާ ފާނަ ނަގަން ފައިބާ އޮތީ ދިދަވެސް ނަގައިގެންނެވެ. އެހެންކަމުން މިއީ ވަރަށް ހިތާމަވެރިކޮށް ހިނގާދިޔަ ހާދިސާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!