ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި 'ކަނޑުފަޅަށް ލޯ ހުޅުވުން' ގެ ނަމުގައި ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ ބުރާސްފަތި ދުވަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި، ގްރޭޓަރ މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ސާނަވީ ދަރިވަރުންނަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު4:00ން5:00ށް ކަމަށެވެ. މި ސެޝަން ބޭއްވުމަށް ހަމަޖހެިފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ޖޫން މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން މަސްވެރި ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އެގޮތުން، ރާވާފައިވާ ހަރަކާތްތަކަކީ:-
- ރާއްޖޭގެ ހުރިހާ ރަށެއްގައި މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން
އެގޮތުން "އެންމެން މޫދަށް" ގެ ނަމުގައި ރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ޖޫން މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
- ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި، އެއިން ކޮންމެ މުބާރާތަކުންވެސް ވަނަތައް ހޮވައި އިނާމު ދިނުން
- ފިޝަރީޒް މިނިސްޓްރީގެ މީސް މީޑިއާ މެދުވެރިކޮށް 1-8 ޖޫންގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ ޢާންމު މައުލޫމާތު ހިއްސާކުރުން
- މިނިސްޓްރީގެ މީސް މީޑިއާ މެދުވެރިކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކުއިޒް މުބާރާތެއް ކުރިއަށް ގެންދިއުން
- މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ދާއިރާގެ ފަންނީ ބޭފުޅުންނާއެކު، ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަހާ ގުޅޭ ޚާއްޞަ މައުލޫމާތު ސެޝަނެއް ކުރިއަށް ގެންދިއުން
މި ދުވަސް ފާހަގަކުރުމުގެ ގޮތުން "ކަނޑުފޯރި އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ފެސްޓިވަލްގައި ދުވަހާ ގުޅޭ އެކި މައުލާމާތު ދިނުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.