މަސްވެރިކަމާއި ގުޅޭ

Yaish

ޔައިޝް އަޙުމަދު: ފުވައްމުލަކުގެ އެންމެ ޒުވާން ކެޔޮޅު

ޔައިޝް އަހުމަދު އަކީ މަސްވެރި އާއިލާ އަކަށް ނިސްބަތްވާ ކުޅަދާނަ މަސްވެރިއެކެވެ. ރަށު ސްކޫލް ނިންމުމަށްފަހު ސިފައިންގެ ވަޒީފާގައި 4 އަހަރު ހޭދަކުރިއެވެ. މަސްވެރިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ސިފައިންގެ ވަޒީފާ ދޫކޮށް 2013 ވަނަ އަހަރު އޭނާ ރަށަށް ބަދަލުވިއެވެ. އޭގެފަހުން އޭނާ އަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތް ތެރި ވަމުން އަންނަ ޒުވާނެކެވެ.

ޔައިޝް އަހުމަދު އެކުގައި މަހަށްދާ ފަޅުވެރިންނާއިއެކު

ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ގޮތާއި ތަފާތު ކޮށް، ކުޑަ ޑިންގީއާއި އަދި ކުދި ދޯނި ފަހަރުގައި މާކަޑަށް ނުކުމެ، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ރަށެކެވެ.

ފުވައްމުލަކުގައި މަސްވެރިކަން ކުރާ ކުދި ޑިންގީ ތަކުގައި މަސްވެރިކަން ކުރާ ގޮތަކީ، ހަވީރު ނިކުމެ ރިއްމަސް ބޭނުމަށްފަހު، އެން ކޮށިތަކަށް އަޅާ ދިރުވާފައި ބަހައްޓަނީއެވެ. އެއަށްފަހު ފަތިހު އެން (ރިއްމަސް) ހިފައިގެން ނިކުމެ، ރަށް ކައިރިން ކަންނެލި އައިނު ހޯދާ، ރިއްމަސް އުކައި، ކަންނެލި އައިނު ތިލަ ކުރުމަށްފަހު ނަނުގައި ރިއްމަސް ޖަހައިގެން ބޮޑު ކަންނެލި ބާނަނީއެވެ.

ޔައިޝް އަހުމަދު (ޔަޓޭ) ކަންނެލި ބާނައިގެން ރަށަށް ދިއުމުގެ ދަތުރުމަތީގައި

ޔައިޝް ބުނި ގޮތުގައި މަސްވެރިކަން ރަނގަޅު ދުވަސް ވަރު 15000 ރުފިޔާއާއި 20000 ރުފިޔާއާއި ދެމެދުގެ އާމްދަނީ އެއް މަސްވެރިކަމުން ލިބެއެވެ. އަދި މިކަމަކީ ޒުވާނުން ރަށުގައި އާއިލާ ކައިރީގައި ތިބެގެން ކުރަން ރަނގަޅު މަސައްކަތެއްކަން ޔައިޝް ދެކެއެވެ. ކަންނެލީގެ މަސްވެރިކަމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމެއްކަމަށް ޔައިޝް ފާހަގަ ކޮށްފައިވަނީ، ފަހަކަށް އައިސް ރަށާ ކާއިރިން މިޔަރު ގިނަވުމުގެ ސަބަބުން ކަންނެލި ބާނަން އުނދަގުލަކާއި ކުރިމަތިލާންޖެހުމެވެ.

މިދާއިރާ އަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ޔައިސްގެ މެސެޖަކީ، މިކަމަކީ ހިއްވަރާއި އެކު ކޮށްފިނަމަ ބޮޑު ނަފާއެއް ލިބޭނެ ކަމެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!