t (1)

ސްކޫލުތައް އޭސީ ކުރުމުގެ ޕްރޮގްރާމު ފަށައިފި

ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފުތިތާހުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފުތިތާހު ކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.

ދަރިވަރުންނަށް އުނގެނުމަށާއި އުނގަންނައިދިނުމަށް އުފާވެރި، ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ޤާއިމުކުރުމަކީ މިސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާކަމެކެވެ. އެ ގޮތުން މި ޕްރޮޖެކްޓަކީ، ދަރިވަރުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު މި މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

’ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ދިޔައީ މާފުށީ ސްކޫލުގައެވެ.

މާފުށީ ކައުންސިލުން ވަނީ މި ޕްރޮޖެކްޓްގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަންދެއްވާފައެވެ. އަދި މި ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެއެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މިނިސްޓްރީއިން ވަނީ އަމާޒު ހިފާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!