ރަތަފަންދޫ ކައުންސިލްއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ފާނަ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއްތަ ހިންގުމަށް ނިންމައިފިއެވެ.
މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި 2 އިން 16އަށް ކ.މަނިޔަފުށީ މެރިކަލްޗަރ ޓްރެއިނިންގް އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީގައެވެ.
ގދ. ރަތަފަންދޫ ކައުންސިލުން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަތަފަންދޫ ރައްޔިތުންނަށްކަމަށެވެ. މި ތަމްރީނަށް ބައިވެރިން ހޮވުމުގައި ފުލްޓައިމް ވަޒީފާއެއް އަދާނުކުރާ މަސްވެރިކަންކުރާ ފަރާތްތަކާއި ޒުވާނުންނަށް އިސްކަންދެވޭނެކަމަށެވެ.
ޓްރެއިނިންގ ފަށާ ދުވަހު ބައިވެރިން މަނިޔަފުއްޓަށް ދަތުރުކުރުމާއި ޓްރެއިނިންގ ނިމުމުން ބައިވެރިން މާލެއަށް ގެންދިއުމުގެ އިންތިޒާމް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި މީގެ އިތުރުން ޓްރެއިނިންގ އަށް ދިއުމަށް މާލެ ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ރަތަފަންދޫ ކައުންސިލުގެ ފަރާތުންނެވެ. މި ޓްރެއިނިންގ އަށް ހޮވޭ ފަރާތްތަކުން ކެއުމުގެ ޚަރަދުގެ ގޮތުގައި 1400 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ޖޫން 13 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން "ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހަޅަންޖެހެއެވެ.
ތަމްރީނުގައި އާންމުކޮށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 12 ފަރާތަށެވެ.