ޗައިނާގެ ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަންއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އެ ބައްދަލު ވުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އެވެ. ޝަންހާއީ އޯޝަން ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވަރސިޓީގެ ޗެއަރމަން، މރ. ވަންގް ހޮންޒޫއާއި އެ ޔުނިވަރސިޓީގެ ބައެއް އިސްވެރިންނެވެ.
ޝަންހާއީ އޯޝަން ޔުނިވަރސިޓީއަކީ، މެރިން ސައިންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ޔުނިވަރސިޓީއެކެވެ. އެގޮތުން އެ ޔުނިވާސިޓީން ދުނިޔޭގެ އެކި ގައުމުތަކުގެ 150 އަށް ވުރެ ގިނަ ޔުނިވަރސިޓީއާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ބައްދަލުވުމުގައި، މރ. ވަންގް ހޮންޒޫ ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި ކަނޑުގެ ދިރާސާތަކަށް ފަންނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޔުނިވަރސިޓީއިން ޝައުގުވެރިވާކަން ފާޅުކޮށްފައެވެ.
އެގޮތުން، ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓުއުޓް ތަރައްގީކުރުމަށް އުމްރާނީގޮތުންނާއި ފަންނީގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީގެ ދަރިވަރުން ތަމްރީނުކުރުމަށް ޝައުގުވެރިވާކަން ފާހަގަކުރައްވައި، މިސްޓަރު ވަންގް ހޮންޒޫ ވަނީ ޑިގްރީ ކޯސްތަކުގައި ކިޔެވުމަށް އެ ޔުނިވާސިޓީއަށް ރާއްޖޭގެ ދަރިވަރުންނަށް ދައުވަތު ދެއްވައިފައެވެ.
މރ. ވަންގް ހޮންޒޫގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އޯޝަން ރިސޯސަސް އިން ބޭނުންވާ މެނޭޖްމަންޓް ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން މީހުން ބިނާކުރުމަށް އެ ޔުނިވަރސިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ގާއިމްކުރަމުން އަންނަ "ފިޝަރީޒް ކޮލެޖު" އަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ލެކްޗަރާރއިން ތަމްރީނު ކުރުމާއި ދިރާސާ ކުރުމާއި ދަރިވަރުން ތަމްރީނުކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
މރ. ވަންގް ހޮންޒޫ ވަނީ ޒުވާނުން ، މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ކުރުމަށް ޝައުގުވެރިކުރުވުގެ ގޮތުން އެކްސްޗޭންޖު ޕްރޮގްރާމްތަކަށް މަރުހަބާ ކިޔާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން މެރިން ރިސާޗް ދާއިރާ ކުރިއެރުވުމަށް ގިނަ މަޝްވަރާތައް ކުރެވުނު ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް އެ ޔުނިވަރސިޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުން އަންނަ ކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން މި ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި މަސްވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުން ކަން ފާހަގަކުރެއްވި އެވެ. އަދި މަސްވެރިކަން ކުރިއަރުވައި، އެކުއަރކަލްޗަރއާއި ހާވެސްޓިންގެ ދާއިރާ ކުރިއެރުވުމާއި، މަސް ދޯނިފަހަރުގެ އައިސް ކެޕޭސިޓީ އިތުރުކުރުމާއި މަސް ތާޒާކޮށް ގެންގުޅުމުގެ ދާއިރާއާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކޮށް އެކްސްޕޯޓް އިތުރުކުރުމާއި މީހުން ބިނާކުރުމާއި ރިސާޗްކުރުމުގެ ދާއިރާއިން ކުރަމުން އަންނަ ކަންކަން ހިއްސާ ކުރެއްވިއެވެ.
އަދި ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު ވަނީ، ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު ގާތް ގުޅުމެއް އުފައްދައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.
އޭގެ އިތުރުން، ޑރ. އަމްޒަތު ވަނީ، ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ގިނަ ދިރާސާތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމާއެކު ދެމެހެއްޓެނިވި ގޮތުގައި ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރިސާޗް އިންސްޓިޓިއުޓުން ދިރާސާތައްކޮށް މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އެ ދާއިރާ ކުރިއަރުވަން ގިނަ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ޑރ. އަމްޒަތު ވަނީ މިހާރުގެ މަސްވެރިން ތަމްރީނު ކުރުމާއި އަލަށް އެ ދާއިރާއަށް ވަންނަ ޒުވާނުން ތަމްރީނުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް އިސް އަމާޒެއްކަން ފާހަގަކުރައްވައިފައެވެ. އަދި އަމާޒަކީ، "ފިޝަރީޒް ކޮލެޖު" އިން މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހެދޭ ފެންވަރަށް އެ ކޮލެޖު ތަރައްގީކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އަމްޒަތު އިތުރަށް ވިދާޅުވީ، "ބެލްޓް އެންޑް ރޯޑް ލެބޯޓަރީ" އެއް ދިވެހިރާއްޖޭގައި ގާއިމު ވެގެން ދިއުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ޑރ. އަމްޒަތު ވަނީ، ރާއްޖޭގެ ކަނޑު ދިރާސާ ކުރުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ އޯޝަން ޑިވެލޮޕްމަންޓް ޕްލޭން ހެދުމަށްވެސް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި، "ފިޝަރީޒް ކޮލެޖު" އަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް އެމް.އޯ.ޔޫ. އެއް އެކުލަވާލައި، ދަރިވަރުންނާއި ލެކްޗަރާރުންގެ އެކްސްޗޭޖް ޕްރޮގްރާމްތަކުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއި މިނިސްޓްރީއާއެކު އެއްބާރުލުން ޤާއިމުކޮށް ކަމާގުޅޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެމް.އޯ.ޔޫ. އެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެކަމުގެ ފެހި ސިގްނަލާއެކުގައެވެ.