އައްޑޫ ނޭޗަރ ޕާކަށް ވަން ވޭލްއެއް ސަލާމަތް ކަމާއެކު ކަނޑަށް ދޫކޮށްލައިފިއެވެ.
'އައްޑޫ ނޭޗަރ ޕާކް' ފޭސްބުކް ޕޭޖް އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އައްޑޫ ނޭޗާ ޕާކަށް އިއްޔެ އިރު އޮއްސި 6 ޖަހާކަންހާއިރު 18:07 ހާއިރު މެލޮން ހެޑެޑް ވޭލްއެއް އަރާފައިވާ ކަމަށެވެ.
އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށް ޕާސް ހޯލްޑަރެއް ގުޅައި އެންގި ކަމަށާއި، ނޭޗާ ޕާކްގެ މުވައްޒަފުން އަވަސްވެގަތީ ހުރިހާ ވަގުތެއްގައިވެސް ވޭލް ތެތްކޮށް ބެހެއްޓޭނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.
އެގޮތުން ޕާކުގެ މުވައްޒަފުން ވަނީ ތުވާއްޔާއި ފެން ބާލިދީ ބޭނުންކޮށްގެން ހުރިހާ ވަގުތެއްގައިވެސް ވޭލް ތެތްކޮށް ބާއްވާފައެވެ. އޭގެ ފަހުން އެމީހުން މަސައްކަތް ކުރީ ވޭލް އަނބުރާ ކަނޑަށް ދޫކޮށްލުމަށެވެ.
"ވަރުގަދަ ރާޅުތަކާ ދެކޮޅަށް ވޭލް އަނބުރާ ކަނޑަށް ގެންދިއުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމަށްފަހު، އަޅުގަނޑުމެންގެ ޚާއްޞަ ޓީމަށް ކާމިޔާބުކަމާއެކު 19:40 ގައި ކަނޑަށް ދޫކޮށްލެވުނު" އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް، އަނިޔާއެއް، ވަރުބަލިކަމެއް ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން ވޭލް އަނބުރާ މައްޗަށް އަރާފާނެތީ، ވޭލް ރިލީޒް ކާމިޔާބުވިތޯ ބަލަން އެ ސަރަހައްދުގައި ޕެޓްރޯލް ކުރާނެ ކަމަށް ޕާކު މުވައްޒަފުން ބުނެފައިވެއެވެ.