viber_image_2024-06-03_11-57-18-792

ދަނޑުބިމުގެ މައްސަލައިގައި ތޮއްޑޫ ދަނޑުވެރިން ކައުންސިލަށް ވަދެ މުޒާހަރާ ކޮށްފި

ދަނޑުބިމުގެ މައްސަލައެއްގައި އއ، ތޮއްޑޫ ދަނޑުވެރިން، އެރަށު ކައުންސިލް އިދާރާގައި މުޒާހަރާ ކޮށްފިއެވެ.

މިކަމާ ގުޅިގެން އެރަށު ދަނޑުވެރިއެއް ކަމުގައިވާ މޫސާ ފިޔާޒް 'މަސްވެރިން އޮންލައިން' އަށް މައުލޫމާތު ދެމުން ބުނީ، ތޮއްޑޫގެ ގޮއިބިން ހިމެނޭ ސަރަހައްދު ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ، ތިން މަސް ވީއިރުވެސް ކައުންސިލުން އެ ބިންތައް ދޫކޮށްފައި ނުވާ ކަމަށެވެ.

އާއްމުކޮށް ދަނޑުބިމުގެ މުއްދަތު ހަމަވުމާއެކު، ޖެހިގެން އަންނަ ދުވަހު ބިން ދޫކުރާކަން ފާހަކޮށް ފިޔާޒް ބުނީ، މިފަހަރު މިގޮތަށް ކަންތައް ދިމާވުމުން، އެކަމުގެ ހިތްހަމަ ނުޖެހުމުގައި 70 ވަރަކަށް ދަނޑުވެރިން ނުރުހުން ފާޅުކުރާ ކަމަށެވެ.

ގޮއިބިން ހިމެނޭ ސަރަހައްދަކީ ރަށުގެ ތިންބައިކުޅަ އެއްބައި ބިން ކަމަށް ފިޔާޒް ވިދާޅުވިއެވެ. އެ ސަރަހައްދުގައި ހުރިހާ ބާވަތެއްގެ ތަކެތިވެސް ހައްދާ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

ދަނޑުބިން ދޫކުރުން ލަސްވަނީ ކައުންސިލްގެ ރައީސްގެ އަމިއްލަ ޕްލޭނެއްގެ ސަބަބުން ކަމަށް އެރަށު ދަނޑުވެރިން ތުހުމަތު ކުރެއެވެ.

އެރަށުން ވާހަކަދެއްކި ބައެއް ދަނޑުވެރިން ބުނި ގޮތުގައި، މިދިޔަ ސަރުކާރުގައި، އެރަށުން ގޯތި ލިބޭނެ ގޮތް ހަމަޖައްސަން ކުރި މަސައްކަތުން، ގޯތި ދޫކުރަން ޕްލޭން ކޮށްފައި ވަނީ ގޮއިބިން ސަރަހައްދުން ކަމަށެވެ. ލޭންޑްޔޫސް ޕްލޭން ހެދިއިރު، އެ ސަރަހައްދުން ގޯތި ދޫކުރަން ރައްޔިތުން ހުށަހަޅާފައިވާ ކަމަށް ދަނޑުވެރިއަކު ބުންޏެވެ.

ނަމަވެސް ގޮއިބިމުގެ އެންމެ ޗަސް ބިމަކީ ދިރިއުޅެން ކަމުނުދާ ހިސާބަކަށް ވާއިރުވެސް، އެ ހިސާބުން 250 ގޯތިދޭން މަސައްކަތް ކުރާ ކަމަށް ދަނޑުވެރިން ބުނެއެވެ.

މިކަމާ ގުޅިގެން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ތިން ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދު ދިގު މުއްދަތަކަށް ދޫކުރުމަކީ ތޮއްޑޫ ރައްޔިތުން ފާސްކޮށްފައިވާ، ރަށުގެ ތަރައްގީގެ ޕްލޭންގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.

އެ ސަރަހައްދު ދޫކުރާނީ މީހުން ދިރިއުޅެން ނޫން ކަމަށާއި، ދަނޑުވެރިކަން ކުރަން މިހާރަށްވުރެ ދިގު މުއްދަތަކަށް ކަމަށް ކަރަމް ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ، ދަނޑުވެރިކަމަށް ފަސް އަހަރަށް ދަނޑު ދޫކުރުމުގެ ބަދަލުގައި 15 އަހަރަށް ދޫކުރުމުން ދަނޑުވެރިންނަށް މާ ފައިދާ ބޮޑުވާނެ ކަމަށް ކަމާގުޅޭ މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރަމް ވިދާޅުވީ، ދިގު މުއްދަތަކަށް ދޫކުރަން ނިންމީވެސް ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނާ ގުޅޭ މިފަދަ ކަންކަމުގައި އިރުއިރުކޮޅުން ބަދަލުކޮށް، ވޯޓު ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަދި އެއީ މަޝްރޫއުތައް މަޑުޖެހޭނެ ކަމެއް ކަމަށް ކަރަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!