358460_22263997-6_

ރައީސުލްޖުމްހޫރިއްޔާ، ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނަށް މިއަދު ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲއާ ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ސީވީޑް ޙުސައިން ރިޟާ އާދަމެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޙުސައިން ރިޟާ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!