20230501222654_1682962014

މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ހުޅުވާލަން ކުޅުދުއްފުށީ މޭޔަރު ގޮވާލައްވައިފި

މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ހުޅުވާލަން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފިއެވެ.

ފޭސްބުކްގައި އާތިފް ކުރެއްވިި ޕޯސްޓެއްގައި ވިދާޅުވީ، 2000ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިސާދަކީ ރާއްޖޭގެ ނިސްބަތުން އާރޯކަންހުރި ތިޔާގި އިޤްތިސާދެއް ކަމަށެވެ. މައިގަނޑު ސަބަބަކީ ދެ ދާއިރާއަކުން ގިނަ އަދަދަކަށް ބޭރު ފައިސާ ކުޅުދުއްފުށްޓަށް ވަންނަމުންދިއުން ކަމަށް އާތިފް ވިދާޅުވިއެވެ.

"ބޭރުގެ ޝިފިންލައިންތަކުގައި ރަށުގެ ގިނަ އަދަދެއްގެ ސީމަނުން މަސައްކަތްކުރުމާއި ލޭނު މަސްވެރިކަން (މިޔަރުގެ މަސްވެރިކަން) ކޮށް ލޮނުމަސް އެކްސްޕޯޓްކުރުމުގެ ބޮޑު ސިނާއަތެއް ރަށުގައި އުފެދިފައި އޮތުން" އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން އާތިފް ވިދާޅުވީ، މަސްވެރިން މިޔަރު ރަށަށް ގެންދިއުމުން، ރޮލަށް ރަށުން ބޭރުކުރުމުގެ ބަދަލުގައި ވެލިއުއެޑްކޮށް އަގު މައްޗަށްޖެއްސުމުގެގޮތުން މަހާއި އުރަހާގައި ލޮނުއަޅާ ޓްރީޓް ކުރުމުގެ މަސައްކަތް ރަށުގައި ކޮށް، އެމަސައްކަތުގައި ޝާމިލްވެ ގިނަބަޔަކު ނަފާވެރިކަން ހޯދަމުންދިއުމަކީ އޭރު އެ މަސައްކަތް ފުޅާވެފައިއޮތް މިންވަރު އަންގައިދޭ ހެއްކެއް ކަމަށެވެ.

އޭރު ކުޅުދުއްފުށީގެ އިޤްތިސާދުގެ %60 އަށްވުރެ މަތިން ހިއްސާކުރާނީ ލޭނުގެ މަސްވެރިކަމޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަމަށާއި، އެކަމުގެ ނަފާ ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އާއިލާއެއް ކުޅުދުއްފުށީގައި އޭރު ނުތިބޭނެ ކަމަށް އާތިފް ފާހަގަ ކުރެއްވިއެވެ.

"އެމަސައްކަތް ހުއްޓާލަން ޖެހުމާއެކު ކުޅުދުއްފުށީގެ އިޤްތިސާދުގައި ރައްޔިތުންނަށް އަމިއްލަޔަށް ފޫބެއްދޭވަރަށްވުރެ ބޮޑު ބާގަނޑެއް އުފެދިގެންދިޔަ، އަދި އެކަން ފޫބެއްދޭނޭވަރުގެ އިތުރު އެހެން މަސައްކަތެއް ނުވަތަ އެކަމުން އަރައިގަތުމުގެ ފުރުސަތު އެއްވެސް ސަރުކާރަކަށް މިހާތަނަށް ފަހިކޮށްދެވިފަނެތްކަން ހިތާމައާއެކު ފާހަގަކުރަން" އާތިފް ވިދާޅުވިއެވެ.

އެހެންކަމުން، އަދުގެ ރައީސުލް ޖުމްހޫރިއްޔާއާއި މަސްވެެރިކަމާބެހޭ ވަޒީރާއާއިވެސް މި ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

އަދި މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް އެ ހުއްދަ ދިނުމަށް ދަންނާވާފައިވާނެ ކަމަށާއި ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަންކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އަދިވެސް ވަރަށް އާދޭހާއެކު ސަރުކާރަށް ގޮވާލާ ކަމަށް އާތިފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!