ލޭނު މަސްވެރިކަމަށް ހުޅުވާލުމަށްޓަކައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިޔާލު ހޯދަން ފަށައިފިއެވެ.
އެ ވުޒާރާއިން ބުނީ، ލޭނު މަސްވެރިކަމަށް ހުޅުވާލުމާބެހޭ ގޮތުން މަސްލަހަތުވެރިންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަންއާ ބައްދަލު ކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ލޭނު މަސްވެރިކަން ހުޅުވާލުމާ ގުޅޭ ގޮތުން އިންޑަސްޓްރީގެ ޚިޔާލާއި މަޝްވަރާ ހޯދުނު ކަމަށާއި ލޭނު މަސްވެރިކަން ހުޅުވާލުމާބެހޭ ގޮތުން މިކަމުގެ އިތުރު މަސްލަހަތުވެރިންނާ ބައްދަކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ލޭނުގެ މަސްވެރިކަމަކީ ލޯ ބޮޑު ކަންނެއްޔާއި ހިބަރު ބޭނުމަށް ހާއްސަކޮށްގެން ކުރާ މަސްވެރިކަމެކެވެ.
ލޯ ބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު މީގެ ކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ހުޅުވައިލިއެވެ. ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ދޫކުރި ހުރިހާ ހުއްދައެއް ބާތިލުކޮށް 2019 ވަނަ އަހަރުން ފެށިގެން އެ މަސްވެރިކަން ވަނީ މަނާކޮށްފައެވެ.
ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރަނީ އާންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދަށް ވުރެ ބޭރުންނެވެ. އާންމުކޮށް ކަންނެލި ބާނަން ލޭނު އަޅަނީ 150 މޭލަށް ވުރެ ބޭރު ސަރަހައްދުގައެވެ. ލޭނު އަޅައިގެން އާންމުކޮށް ބާނާ ލޯ ބޮޑު ކަންނެއްޔަކީ ވަރަށް ފުނުގައި އުޅޭ މަހެކެވެ.



