1586637715large

ބިދޭސީ މަސައްކަތްތެރީންގެ ފީގެގޮތުގައި 1.7 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި، ފައިސާ ދެއްކުމަށް މުއްދަތެއް!

ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ، 1.7 ބިލިއަން ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނު އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދުގައި ވާގޮތުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތައް ބައެއް ފަރާތްތަކުން ނުދައްކާހުރި ކަމަށެވެ.

އެގޮތުން ޤާނޫނާއި ޤަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 (ދިހަ ހާސް ހަސަތޭކަ ނަވާރަ) ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 (އެއްލައްކަ ދެހާސް އަށްސަތޭކަ ހަތެއް) ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ -/1،765،704،400ރ (އެއް ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ހަތްލައްކަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ މިމަހުގެ 18ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ޤާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރަން ޖެހޭނެ ކަމަށެވެ.

އަދި މި ތާރީޙުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!