ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިފުތިތާހުކޮށްދެއްވައިފި އެވެ.
މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފައެވެ.


