މަސްވެރިކަމާއި ގުޅޭ

Interpol_member map

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕްގެ ބޯޑު މެންބަރުކަން ރާއްޖެއަށް

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕްގެ ބޯޑު މެންބަރުކަމަށް ރާއްޖެ އިންތިޚާބުކޮށްފިއެވެ. އެގްރޫޕްގެ ބޯޑު މެންބަރުކަމަށް ރާއްޖެ އިންތިޚާބުކޮށްފައިވަނީ މެންބަރު ޤައުމުތަކާއިއެކު ވާރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައެވެ.

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕަކީ، ޤަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތާ ގުޅުންހުރި ޤަވާއިދާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އިންޓަރޕޯލްގެ ދަށުން ހިންގާ ވޯކިންގ ގްރޫޕެކެވެ. މިއީ މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، ތަޖުރިބާ ހިއްސާކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ޤަވާއިދާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި، ޤައުމުތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުމުގައިވެސް އެހީތެރިވެދޭ ގްރޫޕެކެވެ.

މިގްރޫޕު އެކުލެވިގެންވަނީ މެންބަރު ޤައުމުތަކުގެ މަސްވެރިކަމާބެހޭ ވުޒާރާތަކާއި ، ޓެކްސް އިދާރާއާއި، ކަސްޓަމްސްއާއި ފުލުހުންނާއި، ކޯސްޓްގާޑާއި، އަމިއްލަ ޖަމިއްޔާތައް ހިމެނޭގޮތަށެވެ.

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕްގެ މެންބަރަކަށް ރާއްޖެ އިންތިޚާބުކޮށްފައިވަނީ އެ ގްރޫޕުގެ އަށްވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެޖަމާއަތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އިންތިޚާބުކޮށްފައެވެ. މި ބޯޑުގައި ހިމެނޭ 7 ޤައުމުގެ ތެރެއިން ބޯޑުގެ ޗެއާއަކަށް އިންތިޚާބުކޮށްފައިވަނީ ކެނެޑާއެވެ. ވައިސް ޗެއަރއަކީ އޮސްޓްރޭލިއާއެވެ. މި ބޯޑުގައި ހިމެނޭ އިތުރު މެންބަރުންނަކީ ދިވެހިރާއްޖޭގެ އިތުރުން އެމެރިކާއާއި، ބްރެޒިލްއާއި، ޕެރޫއާއި އަދި، ބެނިންއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!