ލޭނުގެ ބޮޑުކަންނެލި މަސްވެރިކަމަށް ހުޅުވާލުމާމެދު ފިޝަރީޒް މިނިސްޓްރީން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އާއެކު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ، މިއަދު ފިޝަރީޒް މިނިސްޓްރީގައެވެ.
މިކަމާ ގުޅޭގޮތުން 'މަސްވެރިން އޮންލައިން' އަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބީކޭއެމްޔޫއާ ބައްދަލު ކޮށްފައި ވަނީ، ލޭނު މަސްވެރިކަމަށް ހުޅުވާލުމާމެދު، އެކަމުގެ މަސްލަހަތު ހުރި ފަރާތްތަކާ ބައްދަލުކުރަން މިނިސްޓްރީން ބޭނުންވާތީ ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުޅުވާލުމާމެދު ބީކޭއެމްޔޫގެ ހިޔާލާއި ޝަކުވާތަކާއި، އެ ޔޫނިއަންއިން މިކަމާ މެދު ދެކޭގޮތް ބަލައިލުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ލޭނު މަސްވެރިކަމަކީ ބީކޭއެމްޔޫއިން ތާއީދު ކުރާ ކަމެއް ނޫންކަން މި ބައްދަލުވުމުން ފާހަގަވި ކަމަށް މިނސިްޓްރީން ބުންޏެވެ.
މި ބައްދަލުވުމާ ގުޅިގެން ބީކޭއެމްޔޫގެ ރައީސް ހުސައިން ނަޝީދު "މަސްވެރިން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ، ބޮޑުކަންނެއްޏަށް ލޭނަށް ހުޅުވާލުމަށް ބީކޭއެމްޔޫގެ ރައުޔު ހޯދުމަށް މިނިސްޓްރީން ބޭނުންވި ކަމަށާއި، އެކަމާ ބީކޭއެމްޔޫއިން ދެކޮޅުކަން ހާމަކޮށްފައިވާނެ ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރިކަން ފާހަގަކޮށް ނަޝީދު ބުނީ، ލޭނުގެ މަސްވެރިކަން ކުރި އިރުވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށެވެ.
ނަޝީދު ބުނީ، ކަންނެލި މަސްވެރިންގެ މަސް ގަންނަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކުން ކަމަށާއި، އެހެންކަމުން ލޭނު އެޅުމަށް ކުންފުނިތަކަށް ހުއްދަ ދީފި ނަމަ މަސްވެރިން އިތުރަށް ނިކަމެތިވާނެ ކަމަށެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލި ބޭނުމަކީ މަސްވެރިންނަށް އެއްވެސް ވަރަކަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓްރީއަށް ދަންނަވާފައި ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.



