ލަންކާ އާއި ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ރާއްޖެ އާއި ލަންކާގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ އިގްތިސޯދު ވެސް މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާއިރު ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުން ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެންގެ އީއީޒެޑް ބަލަހައްޓައި ގަވައިދާ ހިލާފަށް ހުއްދަ ނުހޯދާ އެ ސަރަހައްދުން މަސްވެރިކަން ކުރާ މީހުން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރެވުނު. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދޭން ރާއްޖެއިން ތައްޔާރަށް އޮތްކަން ދަންނަވާފައިވާނެ،" ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ އިތުރު ބައެއް ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.


