ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިސްނަގައިގެން ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ވިލިމާލޭގައި "ޑިސްކަވާ ޑައިވް" ގެ ނަމުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 46 ކުދިން ބައިވެރިވެ، ވައިފުޅިއަޅައިގެން ވަނީ ފީނާފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ޑައިވް ސެންޓަރެއް ކަމަށްވާ، "މޫދު ބުޅާ" އަދި "ޑައިވާސް ލޮޖު"ގެ ބޮޑު އެހީތެރިކަމަކާއެކީގަ އެވެ.
މި ހަރަކާތް ފެއްޓުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވާ ޑައިވް" ހަރަކާތެއް ކުރިއަށްގެންދެވޭތީ އުފާކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅު ހިމާޔަތްކުރުމަށް ފަރުދީ ހައިސިއްޔަތުން ކުރާ މަސައްކަތްތައް ކޮންމެ މީހަކު ކުރާނަމަ އެކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށެވެ. އަދި ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑުފަޅަށްވާއިރު، އެތަންތަނުން ކޮށްދޭ ކަންކަމަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ކަނޑުފަޅުގެ ނަފާ އެތައް ބިލިއަން ޑޮލަރަކަށް އަރާއިރު، ޝުކުރުވެރިވުމުގެ ގޮތުން ވަރަށް ކުދި ކަންކަން ކުރެވިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޕްލާސްޓިކް ފުޅިތައް މޫދަށާއި ގޮނޑުދޮށްތަކަށް ނޭޅުމާއި އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ އެއްޗެއް ނެގުމަށް އިސްކަން ދިނުން ހިމެނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަނޑުފަޅަކީ، އަމާނާތެއްކަމަށާއި އެތަންތަން އަންނަން އޮތް ޖީލަށް މިހާރު އޮތް ގޮތަށް ރައްދުކޮށްދޭން ޖެހޭ ކަމަށެވެ.